ހިޔާ ފްލެޓްގެ ލޯކަލް މާރުކޭޓުގެ 19 ގޮޅިއަށް 558 ފޯމު

ހިޔާ ފްލެޓް ސަރަހައްދުގެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރާ ލޯކަލް މާރުކޭޓުގެ 19 ގޮޅިއަށް 558 މީހަކު ކުރިމަތިލާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

ރަމަޟާން މަހު ފަސޭހައިން ކާބޯތަކެތި ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ޓަކައި ހިޔާ ފްލެޓާ ދިމާ އަތިރިމަތީގައި ތަރައްގީކުރާ ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އިއްޔެ ވަނީ ފޯމުތައް ބަލައިގަނެ، ގުރުއަތު ނަގާފައެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު 'ސަން' އަށް ވިދާޅުވީ، ހިޔާ ސަރަހައްދުގައި ރޯދައިގެ ކުރިން ވަގުތީ މާރުކޭޓު ނިންމާނެ ކަމަށެވެ.

މިވަގުތު ކުރިއަށް ދަނީ، ގޮޅި ލިބުނު 19 މީހުންގެ އެއްބަސްވުން ހެދުމުގެ މަސައްކަތް ކަމަށާއި ވެއިޓިން ލިސްޓްގައި ފަސް މީހަކު ތިބޭނެ ކަމަށް މަޝާރު ވިދާޅުވިއެވެ.

"ވެއިޓިން ލިސްޓު ނަގާ ސަބަބަކީ، މިސާލަކަށް ހުންނާނެ އަނބުރާ [ގޮޅި] އަތުލެވޭ ހާލަތްތައް ވެސް. އިޢުލާނުގައި ހުންނާނެ. އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ ނޫނީ ގޮޅި ލިބޭ ފަހުން ދޫކޮށްލަން ބޭނުންވެއްޖެއްޔާ [ހުސްވާ ޖާގަައަށް]،" މަޝާރު ވިދާޅުވިއެވެ.

ހިޔާ ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައި ވަނީ ހިޔާ ފްލެޓް ލިބިފައިވާ މީހުންނަށެވެ. ގޮޅި ލިބޭ މީހުންނަށް އެޗްޑީސީން ސިޓީ ފޮނުވާތާ ދެ ދުވަހުގެ ތެރޭގައި މަހަކަށް ވާވަރަށް އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާ ދައްކަން ޖެހެއެވެ.

ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޚިދުމަތްދޭން ފަށަންވާނެ ކަމަށާއި އެ މުއްދަތުގައި ޚިދުމަތް ދޭން ނުފަށާނަމަ އެއްބަސްވުން ބާތިލްކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް