މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ޚަރަދުވީ 6.3 މިލިއަން

ސްޕޯސްޓް އެވޯޑު ހަފްލާގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި ރައީސް ޞާލިޙް --- ފޮޓޯ/ ރައީސް އޮފީސް

މިމަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ޚަރަދުވެފައިވަނީ ޖުމްލަ 6.3 މިލިއަން ރުފިޔާކަމަށް ޔޫތު މިނިސްޓްރީއިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ލެޖެންޑުންނާއި ވީއައިޕީއަށް ޚަރަދުވީ 2.2 މިލިއަން ރުފިޔާއެވެ.

އިވެންޓު މެނޭޖްމަންޓަށާއި 500 މީހުންގެ ކޭޓަރިންއަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާއެވެ. އެވޯޑްސް ޓްރޮފީއަށް 585،690 ޚަރަދުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ މިނިސްޓްރީގެ މުވައްޒަފުންނަށް ދިން ޑްރެސް ކޯޑު އެލަވެންސްއަށް 159،000 ރުފިޔާ ޚަރަދުވި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ލެޖެންޑުންނާއި ވީއައިޕީގެ ރިސީވިންއަށް 50،000 ރުފިޔާ ޚަރަދުވިއެވެ. ސްޕޯޓްސް އެވޯޑްސްގެ ޓީޝާޓަށް ޚަރަދުވީ 34،500 ރުފިޔާއެވެ. މީޑިއާ ޕާޓުނަރުންނަށް 309،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ އިތުރު ޚަރަދުގެ ގޮތުގައި 35،000 ރުފިޔާ ހޭދަވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އެ ޚަރަދުގެ ތަފްސީލެއް އެ މިނިސްޓްރީން ހާމައެއްނުކުރެއެވެ.

މީގެ އިތުރުން ސްޕޯޓްސް އެވޯޑްސްގެ ސްޕޮންސާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ކްރޮސް ރޯޑްސްއިން 3.5 މިލިއަން ރުފިޔާ، އެމްޓީސީސީއިން އެއް ލައްކަ ރުފިޔާ، އޭޑީކޭއިން ބައި ލައްކަ ރުފިޔާ، ދިރާގުން އެއް ލައްކަ ރުފިޔާ، އަމީން ކޮންސްޓްރަކްޝަނުން ބައި ލައްކަ ރުފިޔާ، އެޗްޑީސީން ބައި ލައްކަ ރުފިޔާ، ސެޓެލްކޯ އިން އެއް ލައްކަ ރުފިޔާ، އެމްޑަބްލިއުއެސްސީ އިން ބައި ލައްކަ ރުފިޔާ އަދި ފެނަކަ ކޯޕަރޭޝަނުން އެއްލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީއިން މި ތަފާސް ހިސާބުތައް ޢާންމުކޮށްފައިވަނީ އެ ޙަފްލާއަށް ދައުލަތުން 30 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްބުނެ އަޑުތައް ފެތުރުމުންނެވެ.

މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެފައި ވަނީ އެ އެވޯޑަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށެވެ. އަދި މިއީ ކުޅިވަރުގެވެސް މިހާތަނަށް ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް