ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު ވޮލީބޯޅައިގެ އެސޯސިއޭޝަން ކަޕް ބާއްވަން ތާވަލްކޮށްފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަހަރީ ކަލަންޑަރު ޢާންމުކޮށްފައިވާއިރު، އެސޯސިއޭޝަން ކަޕް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުއެވެ. އެއީ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރެެވެ.
އެންމެ ފަހުން އެސޯސިއޭޝަން ކަޕް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ވީއޭއެމްގެ ހިންގުން ވަނީ ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުން އިންޓަރިމް ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެސޯސިއޭޝަން ދިޔައެވެ. އެންމެ ފަހުން ވީއޭއެމްގެ އިންތިޚާބެއް ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މިހާރު ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އާއި ނައިބު ރައީސް ޢަލީ އަޝްރަފްއެވެ.
އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުޅިވަރު މުބާރާތް ބޭއްވުމަށް ދިމާވި ދަތިތަކުގެ ތެރެއިން ލޯކަލް ވޮލީ މުބާރާތެއް ވެސް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.
ގައުމީ ފެންވަރުގައި އެންމެ ފަހުން ބޭއްވުނު އިންޑޯ ވޮލީ މުބާރާތަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވި ގައުމީ މުބާރާތެވެ. އަދި މިދިޔަ އަހަރު ވަނީ ބީޗް ވޮލީބޯޅައިގެ ގައުމީ މުބާރާތް ވެސް ބާއްވާފައެެވެ.
މި ވަގުތު އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ޖާގަ ލިބިފައިވަނީ ޕޮލިސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި، ސްޕޯޓްސް ކުލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކުލަބަށެވެ. ފައިނަލް ބުރު ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ހަ ޓީމެއް ހިމެނޭ ގޮތަށެވެ. އަދި އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުގައި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯންތަކުގެ ޗެމްޕިއަނުންނަށް ޖާގަ ލިބޭނެއެވެ.
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތްތައް ވަނީ ފަށާފައެވެ. މިހާތަނަށް ނިމިފައި ވަނީ ފ. އަތޮޅުގެ މުބާރާތް އެކަންޏެވެ. އަދި މި ވަގުތު ކުރިއަށްދަނީ ގދ. އަތޮޅުގެ މުބާރާތެވެ.
މީގެ އިތުރުން ކަލަންޑަރުގައި ވާގޮތުން ޖޫން ނުވަ ވަނަ ދުވަހު ގައުމީ ވޮލީ ލީގު ފަށާނެއެވެ. އަދި ގައުމީ ވޮލީ ބޯޅަ މުބާރާތް ފަށާނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އިންޓަ ރިސޯޓް މުބާރާތް ޖުލައި ފަސް ވަނަ ދުވަހު ވަނީ ފަށާފައެވެ. ވޮލީބޯޅަ ޔޫތު ޗެމްޕިއަންޝިޕް އަދި އިންޓަ އޮފީސް/ކޮމްޕެނީ މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުއެވެ. އަދި ބީޗްވޮލީ ބޯޅައިގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.