ހިޔާ ފްލެޓު ސަރަހައްދުގައި ހަދާ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ހިޔާ ފްލެޓް ސަރަހައްދު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަމަޟާން މަހު ފަސޭހައިން ކާބޯތަކެތި ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ތަރައްގީކުރާ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނިގޮތުގައި، އެ މާރުކޭޓުން 19 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެ ގޮޅިތައް ދޫކުރާނީ ހިޔާ ފްލެޓް ލިބިފައިވާ މީހުންނަށެވެ.

ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ކޮންމެ މީހެއްގެ ނަމުގައި ވެސް ހުށަހެޅޭނީ އެއް ފޯމު ކަމަށް އެޗްޑީސީން ބުންޏެވެ.

ގޮޅިއަށް އެދި ފޯމު ހުށަހެޅުން އޮންނާނީ މާދަމާ ހެނދުނު 9:00އިން 11:00އަށް ހުރަވީ ސްކޫލު ހޯލުގައެވެ. އަދި 11:30 ގައި ގުރު ނެގުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުރު ނެގުން ކުރިއަށްގެންދާ ވަގުތު ގުރުއަތުން ހޮވޭ މީހާގެ ނަން އިޢުލާން ކުރުމުން އިވެންޓް ހޯލުގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކައުންޓަރަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500 ރުފިޔާ ވަގުތުން ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ މީހުންނަށް އެޗްޑީސީން ސިޓީ ފޮނުވާތާ ދެ ދުވަހުގެ ތެރޭގައި މަހަކަށް ވާވަރަށް އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާ ދައްކަން ޖެހެއެވެ.

ގޮޅި ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ ހަވާލުކުރާއިރު ގޮޅިއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގައިފައިވާ ފައިސާ އަނބުރާ ރައްދުކުރެވޭނެ ކަމަށާއި ގޮޅި ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގޮޅި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފިނަމަ، މި ފައިސާ އެޗްޑީސީއަށް ނެގޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޚިދުމަތްދޭން ފަށަންވާނެކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، އެ މުއްދަތުގައި ޚިދުމަތް ދޭން ނުފަށާނަމަ އެއްބަސްވުން ބާތިލްކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް