އެސްބީއައިގެ މާމިގިލީ ގޮފީގައި ހަތަރު ލައްކައެއްހާ ޑޮލަރުގެ ބޮޑު ޚިޔާނާތެއް

އެސްބީއައި ހުޅުމާލެ ގޮފި. މާމިގިލީގައި ހުންނަ އެސްބީއައިގެ ގޮފީގައި ޚިޔާނާތުގެ މައްސަލައެއް ދަނީ ތަހުގީގު ކުރަމުން -- ސަން ފައިލް ފޮޓޯ

އދ. މާމިގިލީގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ގޮފީގެ މުވައްޒަފުންތަކެއް ހަތަރު ލައްކައެއްހާ ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއް ތަހުގީގުކުރަމުން އެބަދެއެވެ.

އިތުބާރުހުރި ފަރާތަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި 390،000 ޑޮލަރު ހިމެނެއެވެ. އެއީ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ފައިސާއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ ދިވެހި އަންހެނަކަށާއި ދެ ފިރިހެނަކަށެވެ.

މީގެ ތެރެއިން އަންހެން މީހާއަކީ އެ ގޮފީގެ މެނޭޖަރު ކަމަށް އެނގިފައިވެއެވެ. އޭނާ މިހާރު ވަނީ ވަޒީފާއިން ވެސް ވަކި ކޮށްފައެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ އަނެއް ދެ މީހުން ވެސް ވަޒީފާއިން މިހާރު ވަނީ އެކަހެރި ކޮށްފައެވެ.

މިކަން ހިނގިގޮތާ ބެހޭ އިތުރު މައުލޫމާތެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ނަމަވެސް، މިފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އަދި ތަހުގީގު ކުރަމުންދާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް