ދިރާގުން ހިއްސާއަކަށް 6.20 ރުފިޔާ ބެހުމަށް ފާސްކޮށްފި

ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ދިރާގު

ދިރާގުގެ ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި 6.20 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 96 ޕަސެންޓު ހިއްސާދާރުންގެ ވޯޓާ އެކުއެވެ.

މި ޑިވިޑެންޑު ބިނާވެގެންވަނީ 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑާއި އަހަރުގެ ކުރީކޮޅު އިއުލާނުކުރި 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑުގެ މައްޗަށެވެ.

ކްރޮސްރޯޑް މެރީނާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި 85 ހިއްސާދާރަކު ވަނީ ބައިވެރިވެފައެވެ. މި ހިއްސާދާރުން 71.3 މިލިއަން ރުފިޔާގެ އަގުހުރި ހިއްސާ ތަމްސީލުކުރެއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރި މެންބަރަކީ އަޙްމަދު މުޙައްމަދު ދީދީއެވެ. އޭނާ އެމަގާމަށް ހޮވުނީ އިތުރު މީހަކާ ވާދަ ނުކޮށް، 98 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކުއެވެ.

މިބައްދަލުވުމުގައި މިއަހަރަށް ދިރާގުގެ އޮޑިޓަރެއްގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ކޭޕީއެމްޖީއެވެ. އުޖޫރައެއްގެ ގޮތުގައި އެ ފަރާތަށް ދިނުމަށް ފާސްވީ 49،500 ޑޮލަރެވެ.

ފާއިތުވެދިޔަ އަހަރު ދިރާގުން 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދިއެވެ. އެއީ 1.8 ޕަސެންޓުގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް