ކޮމަންވެލްތު - ދިވެހި ލީޑަރުންގެ ބޮލު ރިހުމަކަށް!

ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުން އައި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އޭރުގެ ސަރުކާރުގެ ދައުވަތަކަށް ރާއްޖެއައި ކޮމަން ވެލްތުގެ މިޝަން އަށް ރާއްޖެ އާދެވުނީ ވެރިކަން ބަދަލުވި ފަހުންނެވެ.

އޭގެ ފަހުން ރާއްޖޭން ހޯދި ހޯދުން ތަކަށް ފަހު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން އޭރު ނެރުނު ބަޔާނުގައި ވެސް ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލި އެވެ. ރާއްޖޭގެ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއްގޮތަށް ކަމަށް ނުވަތަ ނޫންކަމަށް ވެސް ނިންމެން ނެތް ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ކޮމަންވެލްތުން އޭރު ނެރުނު ބަޔާނުގައި ވެސް އަދި އޭގެ ފަހުން ނެރުނު ބަޔާންތަކުގައި ވެސް އަވަސް އިންތިހާބެއް ބޭއްވުމަށާއި އެ އިންތިހާބު މިއަހަރު ބޭއްވުމަށް ގޮވާލާފައި ވެއެވެ.

ޔޫރަޕިއަން ޔޫނިއަންއިން ނެރުނު ބަޔާނާއި ކޮމަންވެލްތުގެ ބަޔާންތަކަށް ވެސް ސަރުކާރުން ދޭ އެއް ޖަވާބެއް ވެއެވެ. ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެ ޖަމާއަތްތަކުން ބެހޭ ކަމަށް ސިފަވާ ގޮތަށް ދޭ ޖަވާބެވެ. ސަރުކާރު ދެކޭ ގޮތުގައި ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެއްވެސް ބަޔަކު އެފެން ވަރަށް ބެހިގެން ނުވާނެ އެވެ.

"ކޮމަންވެލްތުން މިވަނީ ރާއްޖޭގެ ދާހިލީ ކަންތަކުގެ ތެރެއަށް މާބޮޑަށް ވަދެފައި، މިފެންވަރަށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އެއްވެސް ބަޔަކަށް ވަދެވިގެން ވާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން، " ކޮމަންވެލްތުން އެންމެ ފަހުން ނެރު ބަޔާނާ ބެހޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ ވިދާޅުވި އެވެ.

ކޮމަން ވެލްތުން އެފަދަ ބަޔާންތައް ނެރެނީ ރާއްޖެއާ ބެހޭ ރަނގަޅު މައުލޫމާތު ނުހޯދައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮން ހާލަތެއްތޯ ރާއްޖެއަށް މިހާރު މެދުވެރިވެގެން އުޅެނީ، ރާއްޖޭގެ ހާލަތު ވަނީ އެތައް ތަނަކުން ރަނގަޅު ވެސް ވެފައި މިހާރު،" އައްބާސް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ބަޔާނުގައި އަވަސް އިންތިހާބަކަށް ގޮވާލާފައިވާ ފަދައިން ރައްޔިތުންގެ މަޖިލިސް ނުހުޅުވޭތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެބާޔާނާ މެދު ސުވާލު އުފެދޭ ކަމަށާއި އޭގެ ސަބަބުން ރާއްޖެ ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށް ސަރުކާރުން ބުނާއިރު އެމްޑީޕީން ބުނަނީ އެފަދަ ބަޔާންތަކަށް އިޖާބަދޭން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބުރާހިމް ދީދީ ވެސް ވިދާޅުވީ ކޮމަންވެލްތުން ގޮވާލާފައިވާ ގޮތަށް އެކަން ވާންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިސް ވެސް ހުޅުވެން ޖެހޭނެ ކަމަށް، އިންތިހާބެއް ބޭއްވޭނީ މަޖިލިސް ހުޅުވިގެން މަޖިލިސް ތެރެއިން ވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ މިއީ ހުޅުވިފައިވާ ދުނިޔެއެއް ކަމަށާއި ބައިނަލް އަގުވާމީ ފަރާތްތަކުގެ އެފަދަ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެވެން ނޯންނާނެ ކަމަށެވެ. އަދި އެފަދަ ގޮވާލުންތަކަށް އިޖާބަ ނުދޭ ނަމަ ރާއްޖެއަށް ގެއްލުން ވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ އެންމެ ޒަރޫރީ ކަންތައްތައް ވެސް މިހުންނަނީ ބޭރު ދުނިޔެއާ ގުޅިފައި، އެހެން ވީމާ އެފަދަ ބައިނަލް އަގުވާމީ ޖަމާއަތްތަކުން ރިކޮމެންޑް ކުރާ ކަންތައްތަކަށް އަޅާ ނުލަންޏާ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ" ޑރ. ޑީޑީ ވިދާޅުވި އެވެ.

ކޮމަންވެލްތުން ތަކުރާރުކޮށް ނެރޭ ބަޔާންތަކުގެ ސަބަބުން ރާއްޖެއަށް އޭގެ ސަބަބުން ނުބައި އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

" މިފަދަ ބަޔާންތަކުގެ ސަބަބުން ރާއްޖެ ބަދުނާމުވުން ނޫން އެހެން ކަމެއް ނުވާނެ، މިފަދަ ކޮންމެ ބަޔާނަކާ ގުޅިގެން ބައިނަލް އަގުވާމީ މުޖުތަމައަށް ރާއްޖެއާ މެދު އޮޅުންތައް އަރާނެ، އަޅުގަނޑުމެން އަނެއްކާ ވެސް މިޖެހެނީ ކަންތައްތައް އޮތް ގޮތް ބައިނަލް އަގުވާމީ މުޖުތަމައަށް ސާފުކޮށްދޭން" އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމަންވެލްތުގެ މަގުސަދާ މެދުވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމަށާއި ރައްޔިތުންގެ މަޖިލިސް ހުޅުވެން ޖެހޭ ކަމަށް ކޮމަންވެލްތުން ގޮވާލަމުންދާ ގޮވާލުމަކީ ވިސްނަން ޖެހޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަމެއް، ސަރުކާރުގެ ލެޖިޓިމޭސީއާ މެދު ކޮމަންވެލްތުން އެވަނީ ސުވާލު އުފައްދާފައި، މިސަރުކާރަކީ ލެޖިޓިމޭޓް ސަރުކާރެއްކަން ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭނެ ގޮތެއް ހެދުމަށް އެވަނީ ގޮވާލާފައި، އެކަމުގައި ރައްޔިތުންގެ ބަހެއް ދެއްކުމަށް އެވަނީ ގޮވާލާފައި، އެކަން ކުރެވޭނީ އިންތިހާބެއް ބޭއްވިގެން،" އިމްތިޔާޒު ވިދާޅުވި އެވެ.

ނަމަވެސް އިންތިހާބެއް ބާއްވާނެ ތާރީހެއް ނުލިބެނީސް ރައްޔިތުންގެ މަޖިލީސް ހުޅުވުމަކީ އިންތި ގަބޫލުކުރައްވާ ކަމެއް ނޫނެވެ.

"ތާރީހެއް ނުދެނީސް މަޖިލިސް ހުޅުވީމާ ސަރުކާރުން މަސައްކަތްކުރާނީ މިކަން ދިގު ދަންމަން، އަޅުގަނޑު ޝައްކުކުރަން 2013 ގައި ވެސް އިންތިހާބެއް ބާއްވަފާނެ ކަމާ ދޭތެރޭގައި، އިޚުލާސްތެރިކަމެއް ހުރި ނަމަ ތާރީހެއް ދޭނެ، އޭރުން ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް މަސައްކަތްތައް ކުރެވޭނީ، ގާނޫނު އަސާސީއަށާ ގާނޫތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެވޭނީ،" އިންތި ވިދާޅުވި އެވެ.

އޭނާވެސް ވިދާޅުވީ ކޮމަން ވެލްތު ފަދަ ޖަމާއަތްތަކުން ނެރޭ މިފަދަ ބަޔާންތަކާ މެދު އަޅާ ނުލައި ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ. އަދި ހަމަ އެކަނި ބަޔާންތަކެއް ނެރެފައި އެފަދަ ޖަމާއަތްތަކުން ހުއްޓާ ވެސް ނުލާނެ ކަމަށެވެ.

"އެބޭފުޅުން ބަޔާންތަކެއް ނެރެފައި އަޅާ ނުލާ ތިބެދާނެ ކަމަށް ބަލައިގެން ނުވާނެ، ފިޔަވަޅު ވެސް އަޅާނެ، މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއް" އިމްތިޔާޒު ވިދާޅުވި އެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނަނީ ސީމެގްގެ ބަޔާން ނެރެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ މަސްލަހަތާ އެއްގޮތަށް ކަމަށެވެ.

" މި ސްޓޭޓް މަންޓަށް [ސީމެގުން ނެރުނު ބަޔާން] ބަލާލީމަ ވަކި ޕާޓީއެއް ނުވަތަ ވަކި ބޭފުޅެއްގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވޭތީ އެކަން ވެސް ފާހަގަކޮށްލަން،" މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުއް ރަހީމް ވިދާޅުވި އެވެ.

ކޮމަންވެލްތަކީ ގިނަ ގައުމުތަކެއް އެކުލެވޭ ޖަމާއަތަކަށް ވާތީ ސަރުކާރުން ވެސް އަދި އެމްޑީޕީން ވެސް އެ ޖަމާއަތަށް އެއްބާރުލުން ދޭން ވެސް ބޭނުންވެ އެވެ. ނަމަވެސް އެ ޖަމާއަތުގެ ބަޔާންތަކުގައި ގޮވާލަމުން މިދަނީ ދެފަރާތުން ވެސް ކުރަން ބޭނުން ނުވާ ކަމަކަށެވެ. އަވަސް އިންތިހާބަކަށާއި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށެވެ. އެހެންވީމާ ކޮމަން ވެލްތު މިހާރު ވެފައި މިވަނީ ދެފަރާތުގެ ވެސް ބޮލުގައި ރިހުމަކަށް ކަމަށް ބެލެވެއެވެ.


ގުޅޭ ޓެގު
comment ކޮމެންޓް