ތިރީސް މިލިއަނުން މިކަހަލަ ހަ އިވެންޓު ބާއްވާނަން: މަހްލޫފް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާފެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

ތިރީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ކަހަލަ ހަ އިވެންޓު ބާއްވާނެކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބޭއްވުމަށް ދައުލަތުން 30 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބުނެ އޮންލައިން ނޫހެއްގައި ޚަބަރެއް ޝާއިއުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ސުވާލު ކުރުންތައް އަމާޒުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށެވެ. އަދި މިއީ ކުޅިވަރުގެވެސް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިވެންޓުކަމަށާއި، ރާއްޖެ އިޝްތިހާރު ވެގެންދިއަ އެންމެ ބޮޑު އިވެންޓުކަމަށެވެ.

މަހްލޫފް ބުނެފައިވަނީ 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ކަހަލަ ހަ އިވެންޓު ބާއްވާނެކަމަށެވެ.

ގިނަ އަހަރު ތަކެއްގެ މެދު ކެނޑުމަކަށްފަހު ސަރުކާރުން މިއަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބޭއްވިއިރު، މިއީ ހުރިހާ ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑް ދިން ފުރަތަމަ ފަހަރެވެ. އަދި އެކިއެކި ކުޅިވަރުގެ ލެޖެންޑުންނާއި ދުނިޔޭގެ ރެކޯޑް ހަދާފައިވާ ކުޅުންތެރިން ޝާމިލުވާ ގޮތަށް ބޭއްވި ފުރަތަމަ އެވޯޑް ހަފްލާއެވެ.

މި ހަފްލާއަށް އައި ލެޖެންޑުންގެ ތެރޭގައި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑު ރޮބާޓޯ ކާލޮސް، ސްޕެއިންގެ މިޝޭލް ސަލްގާޑޯ، ނެތަލޭންޑްސްގެ އެޑްގާ ޑޭވިޑްސް، މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ، ލަންކާގެ ކުރިކެޓް ލެޖެންޑް ސުރޭޝް ރައިނާ، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގިބާ)، ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް، ސްވިޑެންގެ މަޝްހޫރު ފެތުންތެރިޔާ ސާރާ ޚޮރޮސްޓްރޮމް، ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން، ޖަރުމަނުގެ ލެޖެންޑް ރެފްރީ މާކުސް މާކް، އަޝަފާ ޕޮވެލް އަދި ސްރީ ލަންކާގެ ނެޓުބޯޅަ ލެޖެންޑް ތަރްޖީނީ ސިވަލިންގަމްއެވެ.

comment ކޮމެންޓް