ކުރެންދޫ ކަނޑުން 1000 ގޯތި ދެވޭނެ: ރައީސް ނަޝީދު

އޭޕްރީލް 11، 2021: ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިނަނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޅ. ކުރެންދޫއާ ދިމާ ބޭރުން ކަނޑުން 1000 ގޯތި ދެވޭނެ ކަމަށް ކުރީގެ ރައީސް އަދި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރެންދޫގައި ރޭ އޮތް އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރެންދޫއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

"ކުރެންދޫއާ ގުޅޭ ގޮތުން ކުޑަކޮށް ވެސް ވިސްނާލައިފި ކޮންމެ މީހަކަށް ވެސް އެނގޭ މިރަށުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަން. އެއް ކޮޓަރީގައި ތިން އާއިލާ މިހާރު ކުރެންދޫގައި އެބައުޅޭ," ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރެންދޫއަކީ ފަޅެއް ނެތް ރަށެއް ކަމުން އިތުރަށް ހިއްކޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް، މިހާރު ބިން ނުހިއްކާ ވެސް އުޅެވޭނެ ޓެކްނޮލޮޖީ އެބަ ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މާލެ އަތޮޅުގައި އެބަ ހަދާ ފްލޯޓިން ސިޓީއެއް. ނެދަލޭންޑްސް ބައެއް ކުރާ މަސައްކަތެއް [އެއީ]. އަޅުގަނޑު މިދެންނެވި ކުންފުނީގައި ބުނިން ކުރެންދޫ ބޭރުގައި ދިރިއުޅެވިދާނެހޭ މާކަނޑުގައި. އޭނާ އެބައޮތް ދެލިކޮޕީ ކުރެހުމެއް ފޮނުވާފަ ކުރެންދޫ ބޭރުގައި އެއްހާސް ގޯތި އަދި ދެވިދާނެ ކަމަށް ބުނެ," އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ އަދި ފަށަން ނިންމާފައިވާ މަޝްރޫއެއް ނޫން ކަމަށާއި، ނަމަވެސް އެ އުންމީދު އެބައޮތް ކަމަށެވެ.

ރައީސް ނަޝީދާއެކު އެމްޑީޕީގެ ގިނަ އިސް ބޭފުޅުން ކުރެންދޫއަށް ވަޑައިގަތީ އެރަށުގެ ކައުންސިލުގެ ރައީސްގެ މަގާމުގެ ބައި އިލެކްޝަނުގެ ކެމްޕޭނަށެވެ.

މާލެ އަތޮޅުގައި ފްލޯޓިން ސިޓީ އެއް ހެދުމަށް ހަވާލުކޮށްފައި ވަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށެވެ. އެ މަޝްރޫއުގެ ފުރަތަމަ 5000 ގެ އެޅުމަށް މިހާރު ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާ އެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް