އެފްއެޗްއެސް ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން އެމްއެންޔޫބީއެސް ފައިނަލަށް

އެމްއެންޔޫބީއެސްއާއި އެފްްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް)ގެ މައްޗަށް ކުރިހޯދައި ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު އެ މެޗު އެމްއެންޔޫބީއެސްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެމްއެންޔޫބީއެސްއާއި އެފްއެޗްއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެމްއެންޔޫބީއެސް ގެންދިޔައީ 25-20އިންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-15ގެ ނަތިޖާއަކުންނެވެ. އެ މެޗުގެ ތިން ވަނަ ސެޓު އެމްއެންޔޫބީއެސް އިން ކާމިޔާބުކުރީ 25-16 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 12، އިނާސާ އަބްދުއްރަޙީމެވެ.

އެމްއެންޔޫބީއެސްއާއި އެފްްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މަޗަށް ފަހު ބީއެސްގެ ކޯޗު ސޮފްވާން އަހުމަދު "ސަން"އަށް ބުނީ އިދިކޮޅު ޓީމުގައި މި ފެންވަރުގެ މުބާރާތްތަކަށް އައު ކުޅުންތެރިން ތިބުމުގެ ސަބަބުން މިއަދުގެ މެޗަކީ އެހާ އުނދަގޫ މެޗެއް ނޫންކަމަށެވެ.

މީގެ އިތުރުން ސޮފްވާން ބުނީ މި މުބާރާތުގައި ބީއެސްގެ އަންހެން ޓީމަކީ ތާރީހު އޮތް ޓީމެއްކަމަށެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ފައިނަލް މެޗަށް މި ނިކުންނަނީ އިތުބާރާއެކުކަމަށް ސޮފްވާން ބުންޏެވެ

"ފައިނަލްގައި އަޅުގަނޑުމެން ކުޅެން ހަމަޖެހިފައިވާ ޓީމަކީ ވަރުގަދަ ޓީމެއް. އެހެންނަމަވެސް އަޅުގަނޑުމެން ވެސް މި ނިކުންނަނީ ވަރުގަދަ ހަމަ އެހައި ވަރުގަދަ ޓީމަކާއެކު ތަށި ހޯދަން" ސޮފްވާން ބުންޏެވެ.

އެފްއެޗްއެސްގެ މެނޭޖަރު އިޝްރާ އަހުމަދު "ސަން"އަށް ބުނީ ޓީމުގެ މިއަދު ގެ ކުޅުމާމެދު ފަހުރުވެރިވާކަމަށެވެ.

ޓީމު ސެމީފައިނަލާ ހަމައަށް އައީ ކޯޗެއްގެ އެހީތެރިކަމަކާއި ނުލާ ކަމަށް އިޝްރާ ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާ ބުނީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް މިހާ ހިސާބަށް އައުމަކީ މުބާރާތުގައި ލިބުނު މޮޅެއް ކަމަށެވެ.

"ޓީމު ކުރި ހިތްވަރަށް ހަމަ ސާބަސް. ކޯޗެއް ނެތި މި ހިސާބަށް މި އާދެވުނީ ކުޅުންތެރިން ދެއްކި ހިތްވަރުން. އަޅުގަނޑުމެން މިއަށްވުރެ ވަރުގަދަކޮށް އަދި އެނބުރި އަންނާނަން" އިޝްރާ ބުންޏެވެ.

އެމްއެންޔޫބީއެސްއާއި އެފްްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދު އެމްއެންޔޫބީއެސް ހޯދި މޮޅާއެކު އެ ޓީމު މާދަމާ ކުޅޭ ފައިނަލް މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ މިއަދުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބު ކުރި ސްކޫލް އޮފް ނާސިން އާއެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު 16:00 ގައެވެ. އެ މެޗު އެމްއެންޔޫއެސްޔޫ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

comment ކޮމެންޓް