ޕޭމަންޓު ޚިދުމަތް ދިނުމުގެ ލައިސަންސް އިތުރު ހަތަރު ފަރާތަކަށް

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސު އިތުރު ހަތަރު ފަރާތަކަށް މިއަދު ދޫކޮށްފިއެވެ.

މި ލައިސަންސު ދޫކޮށްފައިވަނީ ގައުމީ ޕޭމަންޓު ސިސްޓަމުގެ ގާނޫނުގެ ދަށުންނެވެ.

މިއަދު ލައިސަންސު ދޫކުރި ކުންފުނި ތަކުގެ ތެރެއިން ދެ ފަރާތަކަށް ދޫކުރީ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ޚިދުމަތް ދިނުމުގެ ހުއްދައެވެ.

އެ ލައިސަންސު ދޫކުރި ކުންފުނިތަކަކީ ވީޓީޓީ ފައިނޭންސް ޕްރައިވެޓް ލިމިޓެޑާއި، ޕޭޔާ ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެއީ އެމްއެމްއޭއިން ކުރިން ދޫކުރި ހުއްދައެއްގެ ދަށުން ދިން ލައިސަންސެކެވެ.

މީގެ އިތުރުން ދޫކޮށްފައިވަނީ އިލެޓްރޯނިކް ފައިސާ އިޝޫކުރުމުގެ ހުއްދައެވެ. މި ލައިސަންސު ދޫކުރީ ޕޭޔާ ޕްރަައިވެޓް ލިމިޓެޑަށާއި ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށެވެ.

މީގެ ކުރިން އެމްއެމްއޭއިން ވަނީ ދިރާގާއި އުރީދޫއަށް ވެސް އެ ގާނޫނުގެ ދަށުން ލައިސަންސު ދޫކޮށްފައެވެ.

މީގެ ތެރެއިން ދިރާގަށް ދޫކުރީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ލައިސަންސެވެ. އުރީދޫއަށް އިލެކްޓްރޯނިކް މަނީ ލައިސަންސުގެ އިތުރުން ރެމިޓެންސް ހިދުމަތަށް ބޭނުންވާ ޕޭމަންޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ވެސް ވަނީ ދީފައެވެ.

އުރީދޫގެ ރެމިޓެންސް ހިދުމަތަކީ އެ ކުންފުނީގެ އެމްފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ފާސްކޮށް، ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭ އިން ވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދިފައެވެ.

comment ކޮމެންޓް