ރޯދަޔަށް 15 ދުވަސް: ދަނޑުވެރިން ތިބީ ތައްޔާރަށް

ގޮއިދޫ ދަނޑުވެރިއެއް --- ސަން ފައިލް ފޮޓޯ

ރޯދަމަސް ފެށެން ކުޑަތަން ވެފައިވާއިރު، ރޯދައަށް ފުރިހަމައަށް ތައްޔާރުވެގެން ތިބި ކަމަށް، ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށްތަކުން ބުނެފިއެވެ.

އއ. ތޮއްޑޫ، ކ. ކާށިދޫ އަދި ތ. ކަނޑޫދޫއިން ވެސް ބުނީ ރޯދައާއެކު އިތުރުވާ ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވޭނެ ވަރަށް ތައްޔާރުވެގެން ތިބި ކަމަށެވެ.

ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އާމިނަތު ފަޒްލާ "ސަން" އަށް ވިދާޅުވީ ރޯދައާ ދިމާކޮށް ހައްދަމުންދާ ކަރާ ދަނޑުތައް ވަރަށް ރަނގަޅަށް ހެދެމުންދާ ކަމަށެވެ.

"މޫސުން ވަރަށް ރީތި، އެހެންވީމަ ހުރިހާ ދަނޑުތަކެއް ވެސް ވަރަށް ރީތިކޮށް ހުރީ. ރޯދަ ފެށޭއިރަށް ކަރާ ފޮނުވެން ފަށާނެ،" އޭނާ ވިދާޅުވިއެވެ.

ފަޒްލާ ވިދާޅުވީ އެ ރަށުގައި ހައްދާ އެހެނިހެން ބާވަތްތައް ވެސް ހެއްދުމުގައި އަދި ދަތިކަމެއް ނެތް ކަމަށެވެ. އޭގެ ތެރޭގައި ތޮރާ، ޗިޗަންޑާ، ފަޅޯ އަދި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާށިދޫ ކައުންސިލުގެ މެންބަރު ފާތިމަތު ނަޝާ ވިދާޅުވީ އެ ރަށުގައި ވެސް މި ދުވަސްވަރު ދަނޑުވެރިކަން ރަނގަޅު ކަމަށެވެ.

އެރަށުން ބޭރުކުރާ އެންމެ މައިގަނޑު ބާވަތަކީ ދޮންކޭލެވެ. އޭގެ އިތުރުން ކަރާ ވެސް މަދުމަދުން ހައްދައެވެ.

"މިހާރު ވެސް ހަފްތާއަކު ދެ ބޯޓު ބަރުކޮށް ފަތްކެޔޮ ބޭރުކުރަމުން މިދަނީ،" ނަޝާ ވިދާޅުވިއެވެ.

ކަނޑޫދޫ ކައުންސިލުގެ ރައީސް އަޙުމަދު ރީހާން ވިދާޅުވީ އެ ރަށުގެ މިރުސް ވެސް އެއްވެސް ދަތިކަމަކާ ނުލައި މާލެއަށް ފޯރުކޮށްދެވޭނެކަމަށް ބެލެވޭ ކަމަށެވެ.

"މިދިޔަ އަހަރު ކޮވިޑުގެ ހާލަތާ ގުޅިގެން ސަޕްލައި ވެސް ނުކުރެވި އޮތީ. އޭގެ އިތުރުން މިދިޔަ އަހަރަކީ ދަނޑުތަކުގައި ވަރަށް ބަލިތައް ވެސް ގިނަ އަހަރެއް. އެކަމަކު މި އަހަރު ހުރިހާ ދަނޑެއް ވެސް ރަނގަޅަށް ހެދެމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

މާރުކޭޓުގައި މީހަކު ކަނޑުދޫ މިރުސް ހޮވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރީހާން ވިދާޅުވީ މިހާރު ވެސް ދެދުވަހުން އެއްދުވަހު 80 ބަސްތާގެ މިރުސް ބޭރުކުރާ ކަމަށެވެ.

މިރުހުގެ އިތުރުން ކަރާ އާއި ދޮންކެޔޮ ވެސް އެރަށުގައި ގިނަ އަދަދަކަށް ހައްދައެވެ.

މިވަގުތު މާލޭގެ މާރުކޭޓުތަކުން ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 200 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. ރޯދައާ ދިމާކޮށް އޭގެ އަގު 500 ރުފިޔާއަށް އަރާނެކަމަށް މާރުކޭޓު ގޮޅިތަކުގެ ސޭޓުން ލަފާކުރެއެވެ.

ރޯދައާ ދިމާކޮށް ހައްދާ ކަރާ އަދި ބާޒާރަށް ނުނެރެއެވެ. މިވަގުތު ބާޒާރުގައި އެންމެ ގިނައީ އިންޑިއާއިން އެތެރެކޮށްފައިވާ ކަރާއެވެ. ކަރާ ކިލޯއެއްގެ އަގު އުޅެނީ 18ރުފިޔާ އާއި 20ރުފިޔާއާ ދެމެދުގައެވެ.

comment ކޮމެންޓް