މުސާރަ ނުލިބޭގޮތަށް ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް

މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް ގއ. ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑުކޮށްފައި ވަނީ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީގޮތުން ބައިވެރިވެފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވަނީ މިއަދުން ފެށިގެން އެއް މަސްދުވަހަށެވެ.

ޖޭއެސްސީން ބުނީ ކޮނޑޭ ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލައިގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށެވެ.

އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެހުރި މެޖިސްޓްރޭޓް، މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. ނަމަވެސް އެ ގަޒިއްޔާއާ ގުޅިގެން ދަޢުވާލިބޭ ފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް