ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި ލެޖެންޑުންނަށް ވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހުންނަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އާއި ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އާއިޝަތު ޝޫޒަންއެވެ.
މިއަދު ރާއްޖެ އައިސްފައިވަނީ ތިން ލެޖެންޑުންނެވެ. އެއީ ބްރެޒިލްހެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގިބާ)، ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑްގެ އިތުރުން ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާއެވެ.

މިއަދު ރާއްޖެ އައި ލެޖެންޑުންނަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން -- ސަން ފޮޓޯ / މުޙައްމަދު ނާއިލް
އިއްޔެ ވެސް ވަނީ މި އެވޯޑް ހަފްލާގައި ބައިވެރިވާ ތިން ލެޖެންޑެއް ރާއްޖެ އައިސްފައެވެ. އެއީ ސްވިޑެންގެ ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ މާކަސް މާކްގެ އިތުރުން ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އަލްބިން އޫޝާންއެވެ.
މިއަދު ރާއްޖެ އައުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވީލް ޗެއާ އެތުލީޓް ރީޑް ބުނެފައިވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގައި ކުރިއަށް ދިޔުމަށް ހިތްވަރުދޭން ތައްޔާރަށް ހުރި ކަމަށާއި، ކުޅިވަރުގެ އެކި މަރުހަލާތައް އޭނާ ކަޑައްތުކުރި ގޮތް ހިއްސާކޮށްލަން ކެތްމަދުވެފައި ހުރިކަމަށެވެ.
މީގެ އިތުރުން ސެނެގާލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ފަޑީގާ އޭނާ ރާއްޖެ އައުމުން ކީ މަރުހަބާ އާއި މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިނިސްޓަރު މަހްލޫފްގެ އިސްނެންގެވުމާއެކު ބާއްވާ މި އެވޯޑް ހަފްލާގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

މިއަދު ރާއްޖެ އައި ލެޖެންޑުންނަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން -- ސަން ފޮޓޯ / މުޙައްމަދު ނާއިލް
ވޮލީ ލެޖެންޑް ގިބާާ ފަހާގަކުރި ގޮތުގައި ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް މިނިސްޓަރު މަހްލޫފް އަދި ވީއޭއެމްގެ ރައީސް ރަނޭ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވޮލީއަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އޭނާ އުފާ ކުރާ ކަމަށް ވެސް ގިބާ ބުންޏެވެ.
މީގެ އިތުރުން ގިބާ ބުނެފައިވަނީ މި ލިބުނު ފުރުސަތުގައި ރާއްޖޭގައި ތިބި ވޮލީ ކުޅުންތެރިންނަށް އޭނާގެ ހުނަރާއި، ތަޖުރިބާ ހިއްސާކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ބަލާލުމަށް ވެސް އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

މިއަދު ރާއްޖެ އައި ލެޖެންޑުންނަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން -- ސަން ފޮޓޯ / މުޙައްމަދު ނާއިލް
މި އެވޯޑު ހަފްލާއަށް އަދި އިތުރު ލެޖެންޑުން ވެސް ރާއްޖެ އަންނާނެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާއާއި، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސްއާއި، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ އާއި، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އާއި، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި، އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާގެ އިތުރުން މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ހިމެނެއެވެ.
މީގެ އިތުރުން އަވައްޓެރި ސްރީ ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަޕަކްސާ އާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލްގެ އިތުރުން ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.