ބާޒާރުމަތީގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އުފުލިއްޖެއެވެ.
ރަމަޟާންމަސް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ބާޒާރުމަތީގައި ލުނބޯ މިހާރު ވަރަށް ތަދެވެ. އެ ސަރަހައްދަށް ދިޔަ "ސަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި މާރުކޭޓުގައި ވެސް ލުނބޯ ހުރީ ދެތިން ގޮޅިއެއްގައެވެ.
މާރުކޭޓުން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިން ބުނި ގޮތުގައި ލުނބޯގެ އަގު މިހާ މައްޗަށް ދިޔައީ، ލުނބޯ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންނެވެ.
"ލުނބޯ ނުލިބޭތީ އަގު މައްޗަށް ދަނީ. އަދި މިއަށްވުރެ ވެސް އަގު ބޮޑުވެދާނެ،" ވިޔަފާރިވެރިއަކު ބުންޏެވެ.
އިއްޔެ ބާޒާރުގައި ލުނބޯ ކިލޯއެއް 120 ރުފިޔާއަށް ވެސް ވިއްކިއެވެ.
އާއްމުކޮށް ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ލިބެއެވެ.
ރާއްޖެއިން ބޭރުން ލުނބޯ ގެނައުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަަށް ވިޔަފާރިވެރިން ފާހަގަކުރިއެވެ. އަދި ބައެއް ފަހަރަށް ބޭރުން ގެންނައިރު ހަލާކުވެފައި ހުންނަކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ރަމަޟާންމަހާ ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދެއެވެ. އެހެން ނަމަވެސް، ލުނބޯ ފިޔަވާ އެހެން ބާވަތްތަކުގެ އަގު އަދި ހުރީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
އެ ގޮތުން ބާޒާރުމަތީގައި މިރުސް ކިލޯއެއް ހުރީ 125 ރުފިޔާއަށެވެ. ބަށި ކިލޯއެއް 50 ރުފިޔާ، ފިޔާ ކިލޯއެއް 20 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށެވެ.