އޯޓީއެމް މުމްބާއީގައި ކަންޓްރީ ޕާޓްނަރުގެ ގޮތުގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

މުމްބާއީގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއާ ކުރިއަށްދާނީ މާޗްމަހުގެ 14 އިން 16 ވަނަ ދުވަހުގެ ނިޔަލަށް

ރާއްޖޭގެ ބްރޭންޑު އިންޑިއާ މާކެޓުގައި އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ޤައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއާ، އޯޓީއެމް މުމްބާއީގެ ކަންޓްރީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

އެ ފެއާ ކުރިއަށް ދަނީ މާޗްމަހުގެ 14 އިން 16 ވަނަ ދުވަހުގެ ނިޔަލަށް މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ.

އޯޓީއެމް އަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. އެއީ އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ އެފަދަ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ. އެ ހަރަކާތުގެ ޒަރިއްޔާއިން އިންޑިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ފަތުރުވެރިކަމުގެ އެކި ޚިދުމަތްދޭ ފަރާތްތަކުން އެއްތާކުން ބައްދަލުކޮށް، ޕާޓްނާޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މި އަހަރުގެ އޯޓީއެމް ހަރަކާތުގައި 55 ޤައުމަކުން 1،100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެއެވެ. އޯޓީއެމް 2022 ގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތަށް 30،000 ވުރެ ގިނަ ޓްރޭޑް ވިޒިޓާޒް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.

އޯޓީއެމްގެ ތެރެއިން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވަނީ ޕެންޑަމިކްގެ ރިކަވަރީގައި އިންޑިއާގެ އައުޓްބައުންޑް މާކެޓް ކުޅޭ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި އިންޑަސްޓްރީގެ ފަރާތްތަކާއެކު ބައިވެރިވެ ވާހަކަ ދައްކަވާފައެވެ. އޯޓީއެމްގެ ތެރެއިން އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ވަން އަބަވް އެޖެންސީއިން ވަނީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ފްރެންޑް އޮފް އިންޑިއަން އައުޓްބައުންޑް ޓްރެވަލް ފްރެޓާނިޓީ"ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފައެވެ. މީގެއިތުރުން އޯޓީއެމްގެ ތެރެއިން ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިންތިޒާމްކޮށް 15 މާޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓު އެންޑް ކަނެކްޓިވިޓީ ފޯރަމްގެ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އޯޓީއެމްގެ ތެރެއިން ރާއްޖެއަށް ލިބޭ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން ފެއާގެ ތިން ދުވަހު އެމްއެމްޕީއާރުސީއިން ބައިވެރިވާނީ ޕާޓްނާ ކަންޓްރީގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އޮންލައިން އަދި އޮފްލައިންކޮށް މަންޒިލް އިތުރަށް އިޝްތިހާރުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ. ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ސެގްމަންޓުތައް އަދި ލިބޭ ތަފާތު ތަޖުރިބާތައް ފެއާގެ ތަފާތު ލޮކޭޝަންތަކުގައިވެސް އިޝްތިހާރުކުރެވޭނެއެވެ. މީގެއިތުރުން ރާއްޖެއިން އެ ފެއާގައި ބައިވެރިވާކަން އޯގަނައިޒަރުން ވަނީ އެފަރާތުގެ ޑާޓާބޭސްގައި ހިމެނޭ 50،000 އެޖެންޓުންނަށް ޕްރެސް ރިލީސް އަދި އީމެއިލްތަކުގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.

އެމްއެމްޕީއާރުސީން އެ ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ އިންޑަސްޓްރީގެ 18 ކޯއެގްޒިބިޓަރުންނާއެކުގައެވެ. އެ ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންސްތަކާއި، މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތު އެ މާކެޓުގެ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން އެއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްގެ ގޮތުގައި ދައްކައިދިނުންވެސް ހިމެނެއެވެ. އެ ފެއާގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް/ހޯމްސްޓޭގެ މައުލޫމާތުގެ އިތުރުން ލިވްއަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިޝްތިހާރުކުރާނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެއް މާކެޓެވެ. މިގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާ ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި މާކެޓްގެ ތެރޭގައި ހިމެނިފައެވެ. އެހެންކަމުން އިންޑިއާ މާކެޓް މިއީ ރާއްޖޭގެ ފަތުރުުވެރިކަމުގެ ދާއިރާގެ ރިކަވަރީއަށް މުހިންމު ރޯލެއް އަދާ ކުރާ މާކެޓެވެ. މި ފެއާގައި އެމްއެމްޕީއާރުސީއިން ބައިވެރިވެފައި މިވަނީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓުމުގެ ގޮތުން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. އެ ސްޓްރެޓަޖީ ބިނާވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޕްރޮމޯޓުކުރުމަށާއި އެ މާކެޓުން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރާއި، އެރައިވަލްސް އިތުރުކުރުމުގެ މަޤްސަދުގައެވެ.

އިންޑިއާއަކީ 2021ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އިންޑިއާއިން 278،740 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ އެއަހަރުގެ ޖުމްލަ އެރައިވަލްސްގެ 22.6 އިންސައްތައެވެ. 2020 ވަނަ އަހަރަށް ބަލާއިރު، އެ އަހަރުވެސް އިންޑިއާއިން ރާއްޖެއަށް 62،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެ އަހަރުގެ ޖުމްލަ އެރައިވަލްސްގެ 11.3 އިންސައްތައެވެ. އެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މި މާކެޓުގައި ބާއްވާ ފެއާ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން މާކެޓިން ކެމްޕެއިންތަކާއި، ވެބިނާ، ރޯޑްޝޯ އަދި ފެމިލިއަރައިޒޭޝަން ޓްރިޕްތައް އިންޑިއާ މާކެޓަށް އަމާޒުކޮށް ދަނީ ބާއްވަމުންނެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް