ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 24ވަނަ ދުވަހު

ދިރާގުގެ 30ވަނަ އަހަރީ އާންމު ޖަލްސާ --- ފޮޓޯ/ ދިރާގު

ދިރާގުގެ 33ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 24ވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

ދިރާގުން މިއަދު ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ނަމަވެސް، ފަހި ވޯޓް އެޕް މެދުވެރިކޮށް، އޮންލައިންކޮށް ވެސް ޖަލްސާގައި ބައިވެރިވެ، ވޯޓް ލެވޭނެ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހާއި ހަމައަށް ދިރާގުގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

ދިރާގުން ބުނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ޖަލްސާއަށް ހާޒިރުވެވޭ މީހުންގެ އަދަދު ވަނީ ހިފެހެއްޓިފައި ކަމަށެވެ. އަދި ހާޒިރުވެގެން ބައިވެރިވުމަށް ގަސްދުކުރާ ހިއްސާދާރުން ރެޖިސްޓާ ވުމުގައި ވެކްސިން ކާޑު ހުށަހަޅުއްވަން ވާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޖަލްސާއަށް ހާޒިރުވުމަށް ޝައުގުވެރިކަން ފާޅުކުރާ ހިއްސާދާރުންނަށް އެ ފުރުސަތު ލިބޭތޯ ނުވަތަ ނޫންތޯ މިމަހުގެ 22ވަނަ ދުވަހުގެ ކުރިން އެންގޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އަހަރީ އާންމު ޖަލްސާގެ ނޯޓިސް މިހާރު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ދިރާގު ލިސްޓުކުރީ 2012ވަނަ އަހަރުއެވެ. މި ވަގުތު ދިރާގުގެ ހިއްސާއެއްގެ އަގަކީ 109 ރުފިޔާއެވެ.

comment ކޮމެންޓް