ރަޝިޔާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެގަތުން: ނަތީޖާ ވަރަށް ހިތި!

ފަތުރުވެރިންތަކެއް ރާއްޖޭގައި: ރަޝިއާއިން އަންނަ ޓޫރިސްޓުން އަންނަ މަދުވަމުން -- ސަން ފައިލް ފޮޓޯ

ގިނަ ދުވަސްތަކަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުޚާތަބުކުރައްވާތީ، މުޅި ގައުމު ތިބީ އެމަނިކުފާނުގެ ޚިތާބު ކަނުލާ އަހާށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ވަރަށް މުހިއްމު އިއުލާނަކަށް ފަހު، ދެން ފެއްޓެވީ މިއަދު ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ވާހަކައެވެ.

ރައީސް ވިދާޅުވީ ޔޫކްރޭނާ މެދު ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށާއި، ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރިކުރުމުގައި ރާއްޖެއިން ބައިވެރިވަނީ ހުރިހާ ގައުމެއްގެ ސިޔާދަތަށް ވެސް އިހުތިރާމް ކުރާ ބައެއްގެ ގޮތުން ކަމަށެވެ.

ރަޝިޔާއާއި، ޔޫކްރޭނަކީ ވެސް ރާއްޖެއަށް އެކި ދާއިރާތަކުން މުހިއްމު ދެ ބައިވެރިންނެވެ. އެހެންކަމުން، މިމަހުގެ ތިންވަނަ ދުވަހު، އދގެ އާންމު މަޖިލީހުގައި މި ހަނގުރާމައާއި ގުޅޭ ގަރާރަކަށް ވޯޓުލާން ހުޅުވާލުމުން ވެސް ގިނަ ބަޔަކު އުންމީދުކުރީ ރާއްޖެއިން ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް، ރާއްޖެއިން ވޯޓު ދިނީ ރަޝިޔާއާ ދެކޮޅަށެވެ. އެއާއެކު، މިފަދަ މައްސަލަތަކުގައި ވަކި ކޮޅަކަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ.

ބައިނަލްއަގުވާމީ ގުޅުންތަކުގައި ރަޝިޔާގެ މުހިއްމުކަން

ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ރަޝިޔާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ގައުމެވެ. ސަތާރަ މިލިއަން އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެ ގައުމުގެ ބާރުގެ ދަށުގައި ވެއެވެ.

ޕާޗޭސިން ޕަވާ ޕެރިޓީއަށް ބަލާއިރު، އެ ގައުމަކީ ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާނަމަ އެއީ 11 ވަނައެވެ. ހަކަތައާއި އެކި މައުދަންތަކުގެ އިތުރުން ކާބޯތަކެތީގެ ބޮޑެތި އެކްސްޕޯޓަރުންގެ ތެރޭގައި ރަޝިޔާ ހިމެނެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ-- ފޮޓޯ: އަންދަލޫ އޭޖެންސީ

މީގެ އިތުރުން، އެ ގައުމުގެ އަސްކަރިއްޔާ އަކީ އެންމެ ގިނައިން ނިއުކްލިއާ ހަތިޔާރު ހުރި އަސްކަރިއްޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ސަބްމެރިން އަދި ބެލިސްޓިކް މިސައިލުގެ ފްލީޓާއި، އެއާ ފޯސް އަދި ނޭވީއާ އެކު، ގިނަ ބައެއްގެ ނަޒަރުގައި އެއީ އެމެރިކާ ނަގާފައި ދެން އޮތް އެންމެ ބާރުގަދަ އަސްކަރިއްޔާއެވެ.

މި ހުރިހާ ކަމަކަށް ބެލި ކަމުގައި ވިޔަސް ރަޝިޔާ އަކީ ބައިނަލްއަގުވާމީ ގުޅުން ތަކުގައި މުހިއްމު ބައިވެރިއެއްކަން އެނގެއެވެ.

ފަތުރުވެރިކަމުގެ ޒަރޫރީ ބައިވެރިއެއް

މި ކަންކަމުގެ އިތުރުން ރާއްޖެއަށް ރަޝިޔާ ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށްވުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދަތުރުކުރި 321,304 ފަތުރުވެރިންގެ 15 އިންސައްތައަކީ ރަޝިޔާގެ މީހުންނެވެ.

ނަމަވެސް، މިހާރު ވެސް ވަނީ ރަޝިޔާ މާކެޓު މަޑުމަޑުން ގެއްލުމުގެ އަލާމަތްތައް ފެންނަން ފަށާފައެވެ. ޓުއާ އޮޕަރޭޓަރުންނާއި، އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ މިހާރު ވެސް ރަޝިޔާއިން ބުކިންތައް ލިބޭ މިންވަރު މަދުވަމުން އަންނަ ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު އެ ގައުމުގެ ގައުމީ އެއާލައިން، އޭރޯފްލޮޓުގެ ދަތުރުތައް ހުއްޓާލުމާއެކު، އެ ނިސްބަތް ވަނީ އިތުރަށް ދަށްވާން ފަށާފައެވެ.

ރަޝިޔާ އެއާލައިންސް ރާއްޖޭގެ ވެލާނާ އެއާރ ޕޯޓްއަށް ޖައްސަނީ --- ސަން ފޮޓޯ. ފަޔާޒު

ރަޝިޔާ މާކެޓަށް އަމާޒުކޮށްގެން ހިންގާ "ލެޓްސް ގޯ" ޓްރެވަލް އޭޖެންސީގެ ވެރިޔާ މުހައްމަދު ރިޔާޒް "ސަން" އަށް ވިދާޅުވީ މިފަދަ ހާލަތެއްގައި ރަޝިޔާއިން ރާއްޖެއަށް އަންނަ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އިސްތިހާރުވެފައި މިވަނީ އަމާން މަންޒިލެއްގެ ގޮތުގައި، އެ އިމޭޖް ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރަޝިޔާގެ ބިލިއަނަރުން ވެސް އެމީހުންގެ އަގުބޮޑު އެސެޓުތަކާއެކު ރާއްޖެއަށް އަންނަން ފަށާފައި ވާއިރު، އެމީހުންގެ މުދަލަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ލިބެންޖެހޭ ކަމަށެވެ.

މީގެ ކުރިން، 2014 ވަނަ އަހަރު ރަޝިޔާގެ ރައްޔިތެއް ސުވާލު އުފެދޭފަދަ ގޮތަކަށް ރާއްޖެއިން ހައްޔަރުކޮށް، އެމެރިކާގެ މިލިޓަރީ ބޭހަކަށް ގެންދިޔަ މައްސަލައާއި ގުޅިގެން ވެސް އެގައުމާއި އޮންނަ ގުޅުން ހީނަރުވެ، ފަތުރުވެރިކަމަށް ބުރޫއެރިކަން އޭނާ ފާހަގަކުރިއެވެ.

އެންމެންގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް

ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ. ގިނަ ބައެއްގެ އާމްދަނީ ސީދާ ގޮތުންނާއި، ނުސީދާ ގޮތުން ގުޅިފައި ވަނީ ފަތުރުވެރިކަމާއެވެ.

ފާއިތުވި މަހުގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލި ކަމުގައި ވިޔަސް ރާއްޖެއަށް ލިބުނު ބޭރު ފައިސާގެ 76.8 އިންސައްތަ އަކީ ޓީޖީއެސްޓީ އިން ލިބުނު ފައިސާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 9.5 އިންސައްތަ ފައިސާ ލިބުނުއިރު، ޓޫރިޒަމަށް ޚާއްސަ ބިމުކުލީގެ ގޮތުގައި 2.3 އިންސައްތަ ފައިސާ ވަނީ ލިބިފައެވެ.

މީގެ އިތުރުން، އެއާޕޯޓު ސާވިސް ޗާޖާއި، ޑިވެލޮޕްމަންޓް ފީއިން ލިބުނު 10 އިންސައްތަ ފައިސާއާއެކު، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ވަރަށް ބޮޑު މިންވަރެއް ވައްދަނީ ފަތުރުވެރިކަމުން ކަން އެނގެއެވެ.

އެހެންކަމުން، ފަތުރުވެރިކަމަށް މިވަރުގެ ލޮޅުމެއް އައުމަކީ އެންމެ އާދައިގެ މީހާއާ ހަމައަށް އޭގެ ގެއްލުން ފޯރާނެކަމެއްކަން އެނގެއެވެ.

އަވައްޓެރި ގިނަ ގައުމުތަކުން ވަކި އަތަކަށް ނުޖެހޭ

އދގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި 141 ގައުމަކުން ވަނީ ރަޝިޔާއާއި ދެކޮޅަށް ވޯޓު ދީފައެވެ. ނަމަވެސް ރާއްޖެ ހިމެނޭ ސާކް ސަރަހައްދުގެ ގިނަ ގައުމުތައް ވަކި ކޮޅަކަށް ޖެހިފައެއް ނުވެއެވެ.

އެގޮތުން، އިންޑިއާއާއި، ޕާކިސްތާނާއި، ބަންގްލަދޭޝާއި، ސްރީލަންކާ ވެސް ވޯޓު ދިނީ ވަކި ކޮޅަކަށް ނުޖެހިއެވެ. މީގެ އިތުރުން އޭޝިއާގެ ބޮޑު ބާރެއް ކަމުގައިވާ ޗައިނާއިން ވެސް ވޯޓު ދިނީ އެހެންނެވެ.

މިކަމުން ވެސް މި ސަރަހައްދުގެ ގައުމުތަކާއި ރަޝިޔާއާއި ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަކީ ކިހާ މުހިއްމު ކަމެއްކަން ހާމަވެއެވެ.

އދ ގެ 70 ވަނަ އާންމު މަޖިލީހުގެ ތެރެއިން -- ފޮޓޯ/ އދ.

އދގެ އާންމު މަޖިލީހުގެ ގަރާރުތަކަކީ މެންބަރު ގައުމުތަކުން ތަބާވުން މަޖުބޫރު އެއްޗެއް ނޫނެވެ. އެކަމަކު އެއީ ހަމައެކަނި ގޮވާލުމެކެވެ. އޭގައި ހިމެނެނީ ލަފާގެ ނުކުތާތަކެކެވެ. އެހެންކަމުން އެ ގަރާރަށް ވޯޓު ދިން ގޮތަކުން މާނަފުން ބަދަލެއް އައުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

އެހެންވީމާ، ދައުލަތުގެ އާމްދަނީ އާއި ރައްޔިތުންގެ ކުރިއެރުމާއި ގުޅިފައިވާ މުހިއްމު ސިނާއަތެއް ގުރުބާންކޮށް، މިފަދަ ހަމަނުޖެހުމެއްގައި ވަކި ކޮޅެއް ނެގުމަކީ އެންމެ ރަނގަޅުކަމެއްތޯ އަހާލުމަކީ މުހިއްމު ކަމެކެވެ.

comment ކޮމެންޓް