ސްޓްރޯކް ޖެހުމަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ އިންސާނާގެ މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ.
ސްޓްރޯކް ނުވަތަ ވާގި ނެތޭ ބަލީގެ ދެ ވައްތަރެއް ވެއެވެ. އެއީ އިސްކީމިކް ސްޓްްރޯކް އާއި ހެމޮރެޖިކް ސްޓްރޯކެވެ.
އިސްކީމިކް ސްޓްރޯކަކީ ސްޓްރޯކްގެ އެންމެ އާންމު ބާވަތެވެ. އެއީ ސިކުނޑީގެ ލޭހޮޅިތައް ބެދި، ލޭދައުރުވުން ވަރަށް ބޮޑަށް ދަށްވުމުން ޖެހޭ ސްޓްރޯކެކެެވެ.
ލޭހޮޅިތައް ބެދެނީ ލޭގައި ކޮލެސްޓްރޯލް މަތިވެ، ލޭހޮޅިތަކުގައި ސަރުބީ އަށަަގަނެ އޭގެ އެތިކޮޅުތަކާއި ލޭގަނޑުވުމުން އުފެދޭ ފަދަ އެތިކޮޅުތައް ލޭގައި ދައުރުވަމުންނެވެ. އަދި އެފަދަ އެތިކޮޅުތައް ސިކުނޑީގެ ލޭހޮޅިތަކަށް ވާސިލުވެ، އެ ލޭހޮޅިތައް ބެދުމުން ސްޓްރޯކް ޖެހުމަށް މަގުފަހިވެއެވެ.
ސްޓްރޯކްގެ ދެވަނަ ވައްތަރަކީ ހެމޮރެޖިކް ސްޓްރޯކެވެ. ހެމޮރެޖިކް ސްޓްރޯކް ޖެހެމަށް މެދުވެރިވަނީ ސިކުނޑީގެ ލޭހޮޅިއަކުން ލީކްވުމުން ސަބަބުން ނުވަތަ ލޭހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.
މިއީ ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެން ގޮސް، ސިކުނޑީގެ އެތެރެއަށް ލޭއެޅުމުގެ ސަބަބުން ސިކުނޑީގެ ބައެއް ހިސާބުތައް ފިތި، އެތަނުން ކުރާ މަސައްކަތް ހުއްޓާލުމުން ޖެހޭ ސްޓްރޯކެކެވެ.
ސްޓްރޯކް ޖެހުމަށް މަގުފަހިވާ އެތައް ކަމެއްވެއެވެ. އެގޮތުން، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވާ ސަބަބުތަކުގެ ތެރޭގައި މާ ބޮޑަށް ބަރުދަން މަތިވުން، ހެލިފެލިވެ ނޫޅުން އަދި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ. ނަމަވެސް އެފަދަ ކަންތައްތަކާ ދުރުހެލިވެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެއެވެ.
މީގެ އިތުރުން، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވާ ސިއްހީ ސަބަބުތަކުގެ ތެރޭގައި ލޭ މައްޗަށް ދިޔުން، ދުންފަތުގެ އިސްތިއުމާލު ކުރުން، ހަކުރުބަލި ހުރުން، ހިތުގެ ބަލިތައް ހުރުން އަދި އާއިލާގައި ސްޓްރޯކް ޖެހިފައިވާ މީހަކު ހުރުން ހިމެނެއެވެ.
ހަމައެއާއެކު، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ޖެހުމުން ވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ނަމަވެސް މިކަން ސާބިތު ކުރުމަށްޓަކައި އިތުރު ދިރާސާ ހަދަން ޖެހޭނެކަމަށް ގިނަ ސައިންސްވެރިން އެއްބަސްވެއެވެ.
ސްޓްރޯކެއް ޖެހުމަކީ ބައެއް ފަހަރު ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިކުރުވާ ކަމެކެވެ. މި ނުކުޅެދުންތެރިކަން ދިމާވަނީ، ސިކުނޑީގައި ލޭ ދައުރުވުން މަދުވާ މުއްދަތުގެ ގޮތުންނާއި ސިކުނޑީގައި އޭގެ އަސަރު ކުރާ ސަރަހައްދެއްގެ ގޮތުންނެވެ.
ސްޓްރޯކް ޖެހުމުގެ ސަބަބުން ހަނދާން ބަލިވުން ނުވަތަ ހަނދާން އެއްކޮށް ފޮހެވިގެން ދިއުމާއި ކާ އެއްޗެހި ދިރުވަން އުނދަގޫވުމާއި ހަށިގަނޑުގެ ގުނަވަންތަކަށް ތަދުވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.
ސްޓްރޯކެއް ޖެހުމުން ރައްކާތެރިވުމަށް ޓަކައި ސްޓްރޯކް ޖެހުމުގެ ނުރައްކާ ދެނެގަނެ، ސިއްހީ ޚިދުމަތްދޭ ފަރާތްތަކުގެ ލަފާތަކަށް ތަބާވެ، ދުޅަހެޔޮ ދިރިއުޅުމެއް އިޚުތިޔާރު ކުރުން މުހިންމެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ލޭގެ ޕްރެޝަރު މަތިވިއަނުދިނުމާއި ބަރުދަން ރަނގަޅު މިންވަރެއްގައި ބެލެހެއްޓުމާއި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށް އިސްކަންދޭންޖެހެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ.