ދޮރުގައި ޓަކި ޖަހައިލި ނަމަވެސް އެތެރެއިން ޖަވާބެއް ނައެވެ. ދެފަހަރަކު ޓަކި ޖަހައިލާފައި އައިޒަކް އުޅުނީ އެނބުރި އައިކޮޅަށް ދާށެވެ.
ދޮރު ހުޅުވައިލި އަޑު އިވުނެވެ. ފަސްއެނބުރި ބަލައިލަން ނުކެރިފައި އައިޒަކް އިރުކޮޅަކު ހުއްޓެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލައިލީ، އެމީހަކު ނުކުމެ ދޮރު ލައްޕައިލި އަޑު އިވުމުންނެވެ.
********
ކުރިމަތީގައި ހުރީ ސައްތާރެވެ. އައިޒަކް ފެނުމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދަނީތަ؟..." ސައްތާރު ސުވާލުކުރިއެވެ.
"ނޫން..." އައިޒަކް ބޯ ހޫރައިލިއެވެ.
"އިހަށް އާދެބަލަ ބައްޕައާއެކީ..." ސައްތާރު އެދުނެވެ.
ކުށްވެރިއެއްހެން ސައްތާރުގެ ފަހަތުން އައިޒަކް ހިނގަމުން ދިޔައެވެ. ދެމީހުން ގޮސް އިށީނީ، ޓެރެސްގައި ހުރި ސޯފާގޮނޑީގައެވެ. އައިޒަކަށް ހީވީ، އޭނާ ޝަރީއަތުގެ މަޖިލީހަކަށް ހާޟިރުކޮށްފައި އިން ހެންނެވެ. ސައްތާރު ދައްކާނެ ވާހަކައެއް ނޭނގޭތީ އޭނާގެ ހިތް ތެޅެމުންދިޔައެވެ. އަނެއްކާ ޒަރީނާ ހުރިހާ ވާހަކައެއް ސައްތާރަށް ކިޔައިދިނީ ހެއްޔެވެ؟ ސައްތާރު އެ އުޅެނީ އޭނާ އެމީހުންގެ ދިރިއުޅުމުން ބޭރުކޮށްލަން ހެއްޔެވެ؟
"މަންމައަށް އެހެންވީއިރު، ދަރިފުޅެއްނު މަންމަ ކައިރީ ހުރީ..." ސައްތާރު ވާހަކަ ދެއްކީ ސީދާ އައިޒަކްގެ މޫނަށް ބަލަން އިނދެއެވެ.
"ލައްބަ..." އައިޒަކް އެއްބަސްވިއެވެ.
"ކީއްވެ ކުއްލިއަކަށް މަންމަ ސަކަރާތްވީ؟..." ސައްތާރު ސުވާލުކުރިއެވެ.
"އޭނ؟..." އައިޒަކް އިސްއުފުލައި ސައްތާރުގެ މޫނަށް ބަލައިލިއެވެ. ސައްތާރުގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން ޒަރީނާގެ ފަރާތުން އެއްވެސް ކަމެއް ނޭނގޭކަން އައިޒަކަށް ޔަގީންވިއެވެ.
"ބައްޕަ އެހެން މިއެހީ، އިއްޔެވެސް ހަމަ ރަނގަޅަށް ހުރެފަ ކުއްލިއަކަށް މަންމަ ސަކަރާތްވީމަ... މިހާރު ނުލާހިކު ގިނަދުވަސްވެއްޖެ އެކަހަލަ ކަމެއް ނުވާތާވެސް... މަންމަ އިސްވެ އެއްވެސް އެއްޗެއް ނުބުނި... ބައްޕަ ވަރަށް އަހައިފިން... އެހެންވެ ދަރިފުޅު ކައިރީ ސުވާލުކުރަން މިޖެހުނީ..." ސައްތާރު ބުންޏެވެ.
ސައްތާރުގެ ކައިރީގައި ދޮގެއް ހަދާކަށް އައިޒަކަކަށް ނުކެރުނެވެ. ހާލަތުގެ ނާޒުކުކަން ވިސްނުނު ނަމަވެސް، ހަގީގަތާއި ކުރިމަތިލުން ނޫންގޮތެއް ނެތްކަން އައިޒަކަށް ވިސްނުނެވެ. ހުރިހާ ހަގީގަތެއް ކިޔައިދިނުމަށް އައިޒަކް ތައްޔާރުވެލިއެވެ. އޭނާ އަނގަ ހުޅުވައިލި ވަގުތު ދުވެފައި ކަހަލަ ގޮތަކަށް ޓެރެސްއަށް ނުކުތް ވިޝްކާ ފެނި، ބުނަން އުޅުނު ވާހަކަ ހުއްޓައިލަން މަޖުބޫރުވިއެވެ.
"ދަރިފުޅާ!..." ސައްތާރުގެ ސަމާލުކަން ވިޝްކާއަށް ހުއްޓުނެވެ.
ވިޝްކާއަށް މާނޭވާ ލެވެއެވެ. ގުދުވެގެން އިރުކޮޅަކު އޮވެފައި، ތެދުވިއިރު، އޭނާ ހުރީ ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.
"ކާންހެދިފަ ހުރީ... އަވަހަށް ހިނގާ..." ވިޝްކާ ބުންޏެވެ.
"ދަރިފުޅާ... ކާން ބުނަންވެސް ސިޑިން ތި އަރަނީ ދުވެފަތަ؟..." ސައްތާރު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"މަންމަގޮތަށް ބައްޕަވެސް ބަލިވާކަށް ވިޝް ބޭނުމެއް ނޫނޭ... ހިނގާބަލަ ބައްޕާ ދެން..." ސައްތާރުގެ އަތުގައި ހިފައި ނަގަން މަސައްކަތްކުރަމުން ވިޝްކާ ބުންޏެވެ.
ވިޝްކާ އައިޒަކަށް ބަލައިލާފައި ލޯ އަޅައިލިގޮތުން އައިޒަކަށް ވީގޮތް އެނގުނެވެ. ވިޝްކާގެ މަގުސަދަކީ ސައްތާރަށް ހަގީގަތް ސިއްރުކުރުންކަން އެނގުނެވެ. އައިޒަކްގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިގެން ދިޔައެވެ. އޭނާ މީހަކާ އިނދެގެން އުޅޭކަން ސައްތާރަށް ސިއްރުކުރަން ވިޝްކާ އެދެންވީ ކީއްވެ ހެއްޔެވެ؟ އޭނާ ސަލާމަތްކުރަން ހެއްޔެވެ؟ ނޫނީ އޭގެ ފަހަތުގައި ވިޝްކާގެ އަމިއްލަ އެދުމެއް ފޮރުވިފައި އޮތީމައި ހެއްޔެވެ؟ ކޮންމެ ގޮތަކުން ކަމުގައި ވިޔަސް އައިޒަކްގެ ހިތް ނުތަނަވަސްވުން ނޫންގޮތެއް ނުވިއެވެ.
"ބައްޕަމެން މިތިބީ މުހިއްމު ވާހަކައެއްގައޭ ދަރިފުޅާ..." ސައްތާރު ވަރަށް ލޯބިން ބުނެލިއެވެ.
"ވާހަކަ ދެއްކިދާނެއެއްނު ކާންތިބެގެންވެސް... އެހެންނޫނަސް، މަންމަ ރަނގަޅުވަންދެން ޒެކް ހުންނާނީ މިގޭގައެއްނު... ދޯ ޒެކް؟..." ވިޝްކާ އައިޒަކަށް ބަލައިލަމުން ބުނެލިއެވެ.
އައިޒަކްގެ ދެބުމަ ކައިރިވިއެވެ. ސައްތާރު ހެމުން އައިޒަކަށް ބަލައިލުމުން، އޭނާ އަވަހަށް ނުތަނަވަސްކަން ފޮރުވުމަށް ހިނިތުންވެލިއެވެ.
"ވިޝްވެސް ވަރަށް ބަނޑުހައިވެގެންނޭ މިއައީ..." ވިޝްކާ ގޮތެއް ދުލެއް ނުކުރިއެވެ.
"ދަރިފުޅާ އައިޒަކް ހިނގާ... އަހަރެންގެ ވިޝްކާ ކުރެއް ނުކުރާނެ އެހެންނޫނީ..." ސައްތާރު ހެމުން ތެދުވިއެވެ.
އެންމެން ކައި ނިންމައިލިތަނާހެން، ޒަރީނާ އައިސް ކާގެއަށް ވަނެވެ. އެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ އައިޒަކަށެވެ. އޭގެ ފަހުގައި ސައްތާރަށެވެ. ދެން ވިޝްކާއަށެވެ. އައިޒަކް އަވަހަށް އިސްޖަހައިލިއެވެ.
********
ލޯންޗްގައި އިންއިރުވެސް އިރަމްއަށް ބެލެމުންދިޔައީ ފޯނަށެވެ. އައިޒަކް އެއްފަހަރުވެސް އޭނާގެ ހާލެއް ބަލައިނުލަނީ ކީއްވެ ހެއްޔެވެ؟ މެސެޖުކުރުމުން އެ މެސެޖަށް ޖަވާބުވެސް ނުދިނެވެ. އަނެއްކާ އައިޒަކަށް ބޮޑުކަމެއް ދިމާވީ ހެއްޔެވެ؟ ނޫނީ ޒަރީނާއަށް ކަމެއްވީ ހެއްޔެވެ؟
"ކިހިނެއްވެފަ؟..." ޒިވިއަންގެ އަޑު އިވުމުން އިރަމް ދިޔައީ ސިއްސައިގެންނެވެ.
"ކަ..މެއް..ނުވޭ..." ފުން ނޭވާއެއް ދޫކޮށްލަމުން އިރަމް ބުންޏެވެ.
"އާދެވުނީއޭ... ހިނގާ ފައިބަން..." ޒިވިއަން ބުނެލިއެވެ.
ކުރިމަތިން ފެންނަން އޮތް ފެހި ރަށާއި ދިމާއަށް އިރަމް ބަލައިލީ، ނުތަނަވަސްވެފައިވާ ނަޒަރަކުންނެވެ. ހިތަށް ދިރުން ލިބިދޭފަދަ ހިތްގައިމު ހުދު ވެލިގަނޑެއް ރަށުގެ ވަށައިގެން އޮތެވެ. ވިލު ނޫކުލައިގެ ސާފު މޫދާއި، މަލަމަތިން ފެންނަމުންދިޔަ ފެހިކަންގަދަ ބޮޑެތި ގަސްތަކުންވެސް އިރަމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލި ނަމަވެސް، އިރަމްގެ ހިތް ހަމައަކަށް ނޭޅުނެވެ.
"އަހަންނަށް މިކުރެވުނީ ރަނގަޅުކަމެއްތަ؟... މިދަނޑިވަޅުގަ ޒެކްއާ ދުރަށް އައުން މީ އަހަންނަށް ހެދޭ ގޯހެއްތަ؟... ޒެކްއަށް އަހަރެންގެ އެހީތެރިކަން ބޭނުމެއް ނުވާނެބާ؟... ނޫން... ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން... އަހަރެން ހުރީމަ، ޒެކްއަށް އުނދަގޫވާނެ... އެންމެ ރަނގަޅު ގޮތަކީ، ހުރިހާ ކަމެއް ހަމައަކަށް އެޅެންދެން، އަހަރެން ޒެކްއާ ދުރުގަ ހުރުން..." އިރަމް ހިތާއިހިތުން ވާހަކަ ދައްކަމުން، އެންމެންނާއި އެކީ އެއްގަމަށް ހިނގައިގަތެވެ.
އެންމެންވެސް ތިބީ ދަތުރުވަރުބަލިވެފައެވެ. އެއްބަޔަކު ކޮޓަރިއަށް ވަންގޮތަށް ނިދީއެވެ. އަނެއްބަޔަކު، ސޯފާތަކަށް ދެމިފައި ތިއްބެވެ.
ފެންވަރައި ތާޒާވެލައިގެން، އިރަމް އޮތީ ބޭރުގައި ހުރި ޖޯއްޔެއްގައެވެ. މާހައުލު ބަދަލުވުމުންވެސް، މިއަދު އޭނާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ނުލިބުނެވެ. ފޯނަށް ބަލާބަލައި ފޯނުދެކެވެސް އޭނާ ފޫހިވިއެވެ. ފޯނު ނިވާލަން އެތައް ފަހަރަކު ހިތަށް އެރިއެވެ.
އިރަމް އެހެން އޮއްވައި ޒިވިއަން އައިކަން ނުވެސް އެނގުނެވެ. އިރަމްގެ ހަރަކާތްތަކަށް ބަލަން ޒިވިއަން ހެވިފައި ހުއްޓެވެ. އިރަމް ތުން ފިއްތާލާފައި ފޯނަށް ގޮތެއް ހަދާލައެވެ. ހިތްހަމަނުޖެހިގެން ފޯނަށް ބަލަން އޮވެ، ކޮންމެވެސް އެއްޗެއް ބުނެލަފާނެއެވެ. އެ މަންޒަރު ބަލަން ކިތަންމެ ގިނައިރަކު ހުންނަން ޖެހުނަސް ފޫހިނުވާނެއޭ ޒިވިއަންގެ ހިތަށް އެރިއެވެ. އިރަމްގެ މައުސޫމުކަމުން ޒިވިއަންއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެ އިހުސާސަކީ ހުދު އޭނާގެ އަމިއްލަ ހިތަށްވެސް ބުނެދޭން ނޭނގޭފަދަ ފުން އިހުސާސެކެވެ.
"ހާދަ ހީވެއޭ ކޮންމެސް މީހެއްގެ ކޯލެއްގެ އިންތިޒާރުގަ އޮތްހެން..." ޖޯއްޔެއްގައި އިށީންނަމުން ޒިވިއަން ބުނެލީ، ލާނެތް ރާގަކަށެވެ.
އިރަމް ފޯނު ނިވާލާފައި ޖީބަށް ލިއެވެ.
"ގުޅާނެ މީހުން މަދު މީހުން އުޅޭނީ މިހެންނެއްނު..." އިރަމް ގަދަކަމުން ހީލިއެވެ.
"އައްދެ... ތިބުނީ އަހަންނަށް އެހާ ގިނަ މީހުން ގުޅައޭތަ؟..." ޒިވިއަންއަށް މަޖާވިއެވެ.
"ގަޑިއެއްގެ އިރުވެއްޖެ ފޯނު ކަންފަތުގަ ޖަހައިގެން މަގުމަތީގަ ހުންނަތާ..." އިރަމް ބުނެލިއެވެ.
"އަހަރެން އުޅޭގޮތް ބަލަންތަ ތިއައީ؟..." ޒިވިއަން ލުއި ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
އިރަމްވެސް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ޖޯލީގައި އޮށޯވެފައި ބާރަށް ހެއްލައިލިއެވެ. ޖޯލި ހުއްޓިއިރު، އިރަމް އިނީ ބޮލަށް އެނބުރުން އަރާގޮތްވެފައެވެ.
"މީ ހާދަ ބޮޑު ގަހެކޭ ދޯ...." ޖޯލި އެލުވާފައިވާ ބޮޑު ބަނބުކެޔޮ ގަސް ދައްކައިލަމުން އިރަމް ބުންޏެވެ. "ގަހެއް ހެދިބޮޑުވާން ހާދަ ދުވަހެއް ނަގައޭ..."
އިރަމް ދުރުދުރުން ވާހަކަ ފެށިނަމަވެސް ޒިވިއަންއަށް އެ ވާހައިގެ އަސްލު މާނަ އެނގުނު ކަހަލައެވެ.
"ގިނަ ދުވަސްވަނީ ގަހަށް އަޅާލުން ނުލިބޭތީ..." ޒިވިއަން ބުންޏެވެ.
"ކީއްވެތަ ގަސް އިންދާފަ އަޅާނުލަނީ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.
"މްމްމްމް... ފަރުވާކުޑަވީމަ... ނޫނީ، އެގަހުގެ މުހިއްމުކަން ނުވިސްނޭތީ..." ޒިވިއަން ބުންޏެވެ.
އިރަމްއަށް ހެވުނެވެ. އޭނާގެ ކޮންމެ ސުވާލަކަށް ޒިވިއަން ޖަވާބުދޭލެއް ފުރިހަމަކަމުންނެވެ. ހީވަނީ، މާކުރިން ތައްޔާރުވެލައިގެން އިންނަ ހެންނެވެ.
"ކިހިނެއްވީ؟... ޓެސްޓުން ފެއިލްވީތަ؟..." ޒިވިއަން އަހައިލިއެވެ.
"މޮޅުކަމުން.... ކާކު ބުނާނީ ތިއައީ އިޓަލީގަ އުޅެފައޭ... އަހަރެމެންނަށްވުރެ ދިވެއްސަށް މޮޅު..." އިރަމް ބުންޏެވެ.
"މަލާމާތްކުރަނީއޭ ތި..." ޒިވިއަން ޖޯލި ހެއްލައިލާފައި، އިރަމް އާއި ހިސާބުން ބިންމަތީގައި ފައި ޖައްސައި ޖޯލި ހުއްޓައިލިއެވެ.
"ޒިވިއަން އެހާ ހިތްވަރުގަދައީ ކީއްވެތަ؟..." އިރަމް ސުވާލުކުރިއެވެ. "އެކަނިމާއެކަނި ހުރިހާ ހިތާމައެއް ބަރުދާސްތުކުރަނީ ކީއްވެ؟… ކީއްވެ ބޭބެ ކައިރިއަށް ނުދަނީ؟...."
"ބޭބެ ދޯ؟..." ޒިވިއަން ދޫކޮށްލީ ފުން ނޭވާއެކެވެ.
އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ޒިވިއަންއަށް މުހިއްމީ އޭނާގެ ބޭބެކަން އިރަމް ދެނެގަތެވެ. އެކަމަކު، އެ ބޭބެގެ ކައިރިއަށް ދާން ޒިވިއަން ފަސްޖެހެންވީ ސަބަބެއް އިރަމްއަކަށް ނުވިސްނުނެވެ.
"އަހަރެން ސުވާލެއްކޮށްލަންތަ؟..." ޒިވިއަން އަހައިލިއެވެ.
އިރަމް ބޯޖަހައިލިއެވެ.
"ތި ފަށް ލިބުނީ ކިހިނެއް؟...." އިރަމްގެ ކަރުގައި އަޅާފައިވާ ފަށަށް އިޝާރާތްކުރަމުން ޒިވިއަން ސުވާލުކުރިއެވެ.
އިރަމްއަށް އޭނާގެ ކަރުގައި އޮތް ފަށުގައި އަތް ޖައްސައިލެވުނެވެ. އަނެއްކާވެސް އައިޒަކްގެ ހަނދާންތައް އޭނާ ވަށާލި ކަހަލައެވެ. ވަގުތުން އޭނާގެ ތަބީއަތު ބަދަލުވިއެވެ.
********
"ކާއިރުވެސް މިހާރު މަންމަ ކައިރީ ބުނެވެސް ނުލަންތަ؟..." ޒަރީނާ ސުވާލުކުރީ، ޝަކުވާގެ ރާގަކަށެވެ.
"މަންމަ ނިދާފަ އޮތްހެން ހީވީމަ ނުގޮވީ... އަވަހަށް އާދޭ މަންމާ... މަންމަ ކައި ނިމެންދެން އަހަރެމެން ތިބޭނަމޭ މިތާ..." ވިޝްކާ ބުންޏެވެ.
ޒަރީނާ ގޮސް އިށީނީ އައިޒަކްގެ ކުރިމަތީގައެވެ. އިސް އުފުލައިލަންވެސް ނުކެރިފައި އައިޒަކް އިނެވެ. ވިޝްކާ އާއި ސައްތާރު މަޖާ ވާހަކަތައް ދައްކާފައި ހެމުން ދިޔައިރުވެސް، ކޮންމެހެން ބުނަންޖެހޭ އެއްޗެއް މެނުވީ އޭނާ ނުބުނެއެވެ.
ޒަރީނާ ކެއީ ވަރަށް ކުޑަކޮށެވެ. ކައި ނިންމާލިގޮތަށް އެންމެން ބޭރަށް ނުކުތުމުން، އޭނާ އައިޒަކްއަށް ގޮވާފައި މަޑުކުރުވިއެވެ. ޝަކުވާއެއްނެތި އައިޒަކް އެނބުރި ގޮސް އޭނާ ކުރިންވެސް އިން ގޮނޑީގައި އިށީނެވެ.
"މަންމަ ބޭނުން ވާހަކައެއް ދައްކާލަން..." ޒަރީނާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.
އައިޒަކްގެ ހިތް ތެޅިގަތެވެ. ޒަރީނާ ދައްކަން އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އިރަމް ވަރިކުރާށޭ ބުނަން އުޅެނީ ހެއްޔެވެ؟ އެކަމަކު ޒަރީނާ ވާހަކަ ދެއްކިލެއް މަޑުމައިތިރިކަމުން ދައްކަން އުޅެނީ އެފަދަ ވާހަކައެއް ނޫންހެންވެސް އައިޒަކަށް ހީވިއެވެ.
(ނުނިމޭ)