ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ރޭ ފަށައިފިއެވެ.
އެ މުބާރާތް ފަށައިފައިވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ބައްދަލުކުރި މެޗުންނެވެ.
ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލްގައި ކުޅުނު ފިރިހެން ޑިވިޝަންގެ އެ މެޗު އެފްއެޗްޓީއެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުން އެފްއެސްއެލް ބަލިކޮށްގެންނެވެ.
ފުރަތަމަ ސެޓު އެފްއެޗްޓީއެސްއިން ކާމިޔާބުކުރީ 25-9 އިންނެވެ. މި ސެޓުގައި އެފްއެޗްޓީއެސްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ.
ދެވަނަ ސެޓު އެފްއެޗްޓީއެސް އިން ކާމިޔާބުކުރީ 25-14 އިންނެވެ. މި ސެޓުގައި އެފްއެސްއެލް އިން ރަނގަޅު ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް އެފްއެޗްޓީއެސްގެ ކުޅުން ރަނގަޅުކޮށް އެ ސެޓު ވެސް ވަނީ ނަގާފައެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއެޗްޓީއެސްގެ ޖާޒީ ނަންބަރު 12 ޢަލީ އާރިފްއެވެ.
އެ މުބާރާތުގައި ވަނީ އަންހެން ޑިވިޝަންގެ މެޗެއް ވެސް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ)އާއި ސްކޫލް އޮފް މެޑިސިން (އެސްއެމް)އެވެ.
އެ މެޗު ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ އެފްއީ އިންނެވެ. ފުރަތަމަ ސެޓު ފަށައިގެން އެސްއެމް ގެ ފަރާތުން ވަނީ މޮލު ކުޅުމެއް ފެނިފައެވެ. ފުރަތަމަ ލީޑު ނަގައިގެން އެ ލީޑު ހިފަހައްޓައިގެން ކުޅުނީ އެސްއެމްއިންނެވެ. ނަމަވެސް ފަހަތުން އަރައި 25-15 އިން އެފްއީ ފުރަތަމަ ސެޓު ވަނީ ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓު އެފްއީ ކާމިޔާބުކރީ 25-19 އިންނެވެ. އެ ސުޓުގައި ވެސް އެސްއެމް އިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
އެފްއީ އާއި އެސްއެމް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއީގެ ޖާޒީ ނަންބަރު 2، މަރިޔަމް ނަޖާއެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ މާދަމާ 15:00 ގައި އެފްއެސްއެލް އާއި އެފްއެޗްޓީއެސް ބައްދަލުކުރާއިރު 16:30 ގައި ސްކޫލް އޮފް ނާސިން އަދި ފެކަލްޓީއޮފް ހެލްތު ސައިންސަސް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ މުބާރާތުގައި މިއަދު 18:00 ގައި ނިކުންނާނީ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް އާއި އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހުރު އެމްއެންޔޫއެސްޔޫ އިންޓފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.