އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން

އެމްއެންޔޫ އާއި ސަން އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަން ފޮޓޯ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ފެކަލްޓީތަކަށް ބާއްވާ ވޮލީ ބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި މިއަދު އޮތް ރަސްމިއްޔާތުގައި ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މާކެޓިން މެނޭޖަރު އަހުމަދު މުސްލިމެވެ. އަދި އެމްއެންޔޫއެސްޔޫގެ ފަރާތުން ސޮއިކުރީ އެ ޖަމްޢިއްޔާގެ ރައީސް ޙުސެއިން ޒައިދުއެވެ.

މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތަކީ މީގެ އަށް ވަނަ މުބާރާތެވެ.

މި މުބާރާތް މަދަމާ ފެށާއިރު، ބުދަ ދުވަހުގެ ރޭ ވަނީ މުބާރާތުގެ ގުރު ނެގުން ބާއްވާފައެވެ. މުބާރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ޑިވިޝަންއަށެވެ. ކޮންމެ ޑިވިޝަންއެއްގައި ވެސް ހިމެނެނީ ދެ ގުރޫޕެވެ. ކޮންމެ ގުރޫޕެއްގައި ވެސް ހަތަރު ޓީމު ވާދަ ކުރާނެއެވެ.

މުބާރާތް ހިންގުމަށްޓަކައި އެމްއެންޔޫއެސްޔޫ އިން ވަނީ 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ހިންގާ ކޮމެޓީއެއް އެކުލަވާލާފައެވެ.

ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ހިމެނެނީ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީއެވެ. ގްރޫޕް ބީ ގައި ހިމެނެނީ، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ސްކޫލް އޮފް ނާރސިންގ އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއެވެ.

އަންހެން ޑިވިޝަންގެ ގުރޫޕް އޭ ގައި ހިމެނެނީ، ސްކޫލް އޮފް މެޑިސިން، ފެކަލްޓީ އޮފް އެޑިއުކޭޝަން، ސްކޫލް އޮފް ނާރސިންގ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އެވެ. ގުރޫޕް ބީ ގައި ހިމެނެނީ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އެވެ.

މީގެ ތެރެއިން އަންހެން ޑިވިޝަންގައި ވާދަކުރާ ސްކޫލް އޮފް މެޑިސިން އާއި ފިރިހެން ޑިވިޝަންގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްއަކީ މުބާރާތުގައި އަލަށް ވާދަކުރާ ދެ ޓީމެވެ.

މި މުބާރާތާ ގުޅޭ ގޮތުން ސަން އާ ވާހަކަ ދައްކަމުން އެމްއެންޔޫއެސްޔޫގެ ރައީސް ޒައިދު ވިދާޅުވީ މުބާރާތުގެ މަގްސަދަކީ ވޮލީ ކުޅޭ މޮޅެތި ކުޅުންތެރިން އުފެއްދުންކަމާއި، ކިޔެވުމަށް ބާރު އެޅުން ކަމަށެވެ.

"މުބާރާތުގެ މަގްސަދަކީ ވޮލީ ކުޅޭ މޮލެތި ހުނަރުވެރި ކުޅުންތެރިން އުފެއްދުން. ހަމަ އެހެންމެ ކުދިންނަށް ކިޔެވުމަށް ވެސް ބާރު އެޅުން. އެކަމާ ގުޅޭ ބައެއް ކަންކަން މުބާރާތުގައި ހިމަނާފައި ވެސް ވާނެ. ދެން މި މުބާރާތް އޯގަނައިޒް ކުރުމުގައި ހަރަކާތްތެރިވާނީ މިއަހަރުގެ ފެބްރުވަރީ އިންޓޭކްގައި ގުޅުނު ކުދިން. އެއީ އެކުދިންނަށް މިކަމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އެކްސްޕީރިއަންސް އެއް ދިނުމުގެ ބޭނުމުގައި ކުރާކަމެއް،" އެމްއެންޔޫއެސްޔޫގެ ރައީސް ހުސެއިން ޒައިދު ވިދާޅުވިއެވެ.

މި މުބާރާތުގެ ސްޕޯޓިން ޕާޓުނަރުންނަކީ، އޭވް، އޯސެސް، އެންޒީ އަދި އެސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަން (އީސީއެސް) އެވެ. އަދި ޕްރިންޓިން ޕާޓުނަރަކީ ކުލަ މޯލްޑިވްސް އެވެ.

މި މުބާރާތަކީ އެމްއެންޔޫއެސްޔޫގެ ދެ ވަނަ އަށް އެންމެ ބޮޑު މުބާރާތެވެ. ފާއިތުވި އަހަރު މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

comment ކޮމެންޓް