އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ޔޫވީ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ތާވަލްގެ އެއް ވަނައިގައި ހިފަހައްޓައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި މާޒިޔާއިން ފަސް މެޗު ކުޅެފައިވާއިރު، އެ ޓީމު ވަނީ ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ.
މެޗުގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއްގައި ސްޕެއިންގެ ޓާނާ ޑޮމިންގޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.
މާޒިޔާއިން އެޓޭކްތަކެއް އުފައްދަމުން ދަނިކޮށް، ޔޫވީން ލަނޑު ޖަހައި ލީޑު ނެގިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޔޫވީ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކިރްގިސްތާން މިޑްފިލްޑަރު އެނަޓޯލީ ވްލާސިޗޭވް (ޓޯނީ) އެވެ. މިއީ ޔޫވީއަށް ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެެވެ.
މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް މާޒިޔާއަށް ލިބުނު ނަމަވެސް، ބޭކާރުވިއެވެ. އެއީ ޔޫވީގެ އޭރިޔާ ތެރެއިން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ކޯނޭ ފޮނުވާލި ޕެނަލްޓީ ޔޫވީގެ ކީޕަރު އަނަފް ޒަރިޔަންދު ވަނީ މަތަކޮށްފައެވެ.
މާޒިޔާއިން މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ 40 ވަނަ މިނެޓުގައެވެ. އެއީ މާޒިޔާއަށް ލިބުނު ކޯނަރެއްގައި ޓަނާ ނަގައިދިން ބޯޅައެއް ޔޫވީގެ އޭރިއާ ތެރޭގައި ހުރި މާޒިޔާގެ ނެމަންޔާ ކާޓާލް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖެހުމަށްޓަކައި ވަރަށް މަސައްކަތްކޮށްފައެވެ. އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު އިރުފާން (އިރޭ) އަށް ވަނި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މާޒިޔާ މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓާނާ އެވެ. ޔޫވީގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއްގައި ޓާނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މިއަދުގެ މެޗުގައި ޔޫވީން މާޒިޔާ ކޮޅަށް ޖެހި ލަނޑަކީ ލީގުގައި މިހާތަނަށް މާޒިޔާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
މިއަދުގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓު ހަމަކޮށްގެންނެވެ. ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި އޮތީ ކުލަބް ވެލެންސިއާއެވެ. ތިން ވަނައިގައި އީގަލްސް އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ޔޫވީ ހަަތަރު ވަނައިގައި އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ލީގުގެ ފުލުގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.
ލީގުގައި މިރޭ ކުލަބް އީގަލްސް ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.