ގައުމީ ބާސްކެޓްބޯޅަ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ދަ ބައުސް އާއި ރެޕްޓޯސް ކުޅުނު މެޗުގައި ރެޕްޓޯސްގެ އެމެރިކާގެ ޕަވާ ފޯވާޑް ޖެފްރީ ކޮބީ ބޯޅައިން ޖަހައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގެ ސީލިންގު ފަޅައިލި މައްސަލައާ ގުޅިގެން އޭނާ ހަ މަހަށް ސަސްޕެންޑްކޮށްފިއެވެ.
އޭނާ ސީލިންގްގައި ބޯޅައިން ޖަހާފައިވަނީ ދަ ބައުސްގެ ކުޅުންތެރިޔަކަށް ކޮބީ ފައުލު ކުރިކަމަށް ބަލައި ފްރީ ތުރޯއެއް ދަ ބައުސް އަށް ދޭން ރެފްރީ ނިންމުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
ހިތްހަމަ ނުޖެހުމުގެ ތެރޭގައި އޭނާ ވަނީ ފައިން ބާރަށް ބޯޅައިގައި ޖަހައި ސީލިންގު ފަޅާލައިފައެވެ. އެއާއެކު ދަ ބައުންސްގެ ކުޅުންތެރިންވަނީ އޭނާ ބޯޅައިން ޖެހުމާއެކު ސީލިންގުން ފަޅައިގެން ދިޔަ ސަރަހައްދު ރެފްރީއަށް ދައްކާފައެވެ. މި ފައުލާއެކު އޭނާގެ ފަސްވަނަ ފައުލް ހަމަވުމުން އެ މެޗުގެ ބާކީ ބައި އޭނާ އަށް ކުރިއަކަށް ނުގެންދެވުނެވެ.
އެމްބީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ކޮބީ އަށް ފިޔަވަޅު އަޅައިފައިވާކަން ރެޕްޓޯސް އަށާއި އޭނާ އަށް އަންގައިފައި ވާނެ ކަމަށެވެ.