މަސްވެރިކަން ދަށްވުމުން ކަންނެލި ކިރާ އަގު މަތިކޮށްފި

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި މަސްވެރިކަން ދަށްވުމާ ގުޅިގެން ކަންނެލި ކިރާ އަގު މަތިކޮށްފިއެވެ.

މިދިޔަ މަހު، 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 85 ރުފިޔާއަށެވެ. ނަމަވެސް އެ އަގު މިހާރު ވަނީ 95 ރުފިޔާއަށް އުފުލިފައެވެ. އަދި 30 ކިލޯއިން ދަށް ނަމަ، ކިލޯއެއް މިހާރު ހުރީ 55 ރުފިޔާއަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ)ގެ ރައީސް ޙުސައިން ނަޝީދު މިއަދު "ސަން" އަށް ވިދާޅުވީ، ކަންނެލީގެ އަގު މަތިކޮށްފައި ވަނީ، މަސްވެރިކަން ދަށް ވުމުން ކަމަށެވެ.

މިދުވަސްވަރު ތެލުގެ އަގު މައްޗަށް ގޮސްފައި ވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، މަސް ކިރާ އަގު މަތިކުރި ނަމަވެސް އެކަމުން ފައިދާއެއް ނުވާނެ ކަމަށެވެ.

"ތެލުގެ އަގު މިގޮތަށް ހުރެފަ، މިހާރު މި ހުރި ކަންނެލީގެ އަގަށްވުރެ ދަށް ވާނަމަ މަސްވެރިންނަށް ގެއްލުންވާލެއް ވަރަށް ބޮޑުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ތެޔޮ އަގުބޮޑުވުމުން ކުރަންޖެހޭ ޚަރަދު ބޮޑުވާނެ ކަމަށާއި، ޚަރަދު ބޮޑުވެފައި، ކަންނެލި ބޭނޭ މިންވަރު ދަށްވުމުން، އެ އަސަރު ކުރާނީ މަސްވެރިންގެ އާމްދަނީއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޚަރަދުތައް އާއްމުކޮށް ހުންނަގޮތް އޮޅުންފިލުވައިދެއްވަމުން ނަޝީދު ވިދާޅުވީ، އެންމެ ޚަރަދު ކުޑަ ކަންނެލި ދޯނިފަހަރުގެ ޚަރަދުތަކަށް ވެސް ގާތްގަނޑަކަށް 35،000 ރުފިޔާ ހޭދަވާ ކަމަށެވެ.

ކަންނެލި ޓަނެއް 90 ރުފިޔާއަށް ކިރާނަމަ، 90،000 ރުފިޔާ ލިބޭނެ ކަމަށާއި އޭގެން ޚަރަދު ކެނޑުމުން ބާކީ، ބަހަން އޮންނާނީ 55،000 ރުފިޔާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެތެރެއިން 18،333 ރުފިޔާ ދޯނީގެ ވެރިފަރާތަށް ނެގުމަށްފަހު، މަސްވެރިންނަށް ލިބޭނީ އޭގެއިން ބާކީވާ ބައިކަމަށް ވުމުން، ކޮންމެ މަސްވެރިއަކަށް ލިބޭ އާމްދަނީ ކުޑަވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް