މި އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގައި އޮންނަ ކޮމަންވެލްތު ގޭމްސްއަށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ކޮލިފައިވެއްޖެއެވެ.
މި އަހަރުގެ ގޭމްސްގައި ރާއްޖެއިން ފަސް ގޭމެއްގައި ބައިވެރިވާނެއެވެ. ގޭމްސް ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް އަށް ވަނަ ދުވަހާ ހަމައަށެވެ. މިއަހަރުގެ މުބާރާތަކީ މެދު ކެނޑުމަކަށްފަހު ރާއްޖެއިން އަލަށް ބައިވެރިވާ ގޭމްސްއެެވެ.
ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ފަހު ވަގުތު ނިންމީ ރޭންކިންގެ ގަދަ 16 ގައި ހިމެނޭ ޓީމުތަކަށް ޖާގަ ދިނުމަށެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރަސްމީ އިމާރާތް މި ވަގުތު މަރާމާތު ކުރަމުންދާތީ، ގައުމީ ޖޫނިއާ ޓީމު އަދި ސީނިއާ ޓީމު ވެސް ފަރިތަކުރަމުން އަންނަނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ހޯލުގައެވެ.
އެންމެ ފަހުން ބޭއްވި އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގެ އަންހެން އިވެންޓުން ރާއްޖެ ވަނީ ރަން މެޑަލް ހޯދާފައެވެ. އޭގެ އިތުރުން އަންހެން ޑަބަލްސް އަދި އަންހެން ސިންގަލްސްގެ ރަން މެޑަލްވެސް ވަނީ ހޯދާފައެވެ. އަދި އެ މުބާރާތުގައި ރާއްޖެއިން ވަނީ ދެ ރިހި މެޑަލް ހޯދާފައެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން 1986 ވަނަ އަހަރު ބައިވެރިވީ ނަމަވެސް، 2016 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން އޭރު ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވިއިރު، މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރިއެވެ. އެއާއެކު ރާއްޖެ އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
ރާއްޖެއިން މި އަހަރު ފަސް ގޭމެއްގައި ވާދަ ކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް، އޭޝިއަން ޔޫތު ގޭމްސްގެ އިތުރުން ކޮމަންވެލްތު ގޭމްސްއެވެ.