ސިވިލް ކޯޓު ގާޒީ ކަމަށް ދެ ބޭފުޅަކު އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން ޖޭއެސްސީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހެވެ. އެ މުއްދަތު، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 23 ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވައިފައެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މަގާމަށް ސ. ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އައްޔަނުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ޒުލައިޚާ ޝީޒާއަކީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯސް (އޮނާސް) ޙާޞިލްކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވާސިޓީ އޮފް ލަންޑަންއިން މާސްޓާ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.
ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައެވެ.
އަޙުމަދު ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަސް) ޙާޞިލްކުރައްވައި، ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.
ޖޭއެސްސީން ބުނީ މި މަހުގެ 15 ވަނަ ދުވަހު މި ދެ ފަނޑިޔާރުން ހުވާ ކުރައްވަވާނެ ކަމަށެވެ.
މިވަގުތު ސިވިލްކޯޓުގައި 14 ގާޒީއަކު މަސައްކަތް ކުރައްވައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ގާޒީންނާއި ދިހަ ފިރިހެން ގާޒީން ހިމެނެއެވެ.