ފަހު ވަގުތު ނީސް އިން، ވަރުގަދަ ޕީއެސްޖީ ބަލިކޮށްފި

ފްރާންސް ލީގުގައި ރޭ ނީސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު ނީސް އިން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގައި، ސަސްޕެންޝަންގެ ސަބަބުން ޕީއެސްޖީގެ އެންމެ މުހިންމު ފޯވާޑް ކީލިއަން އެމްބާޕޭއެއް ނުކުޅެވެއެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފޯވާޑު ލައިނުގައި ތިބީ ލިއޮނަލް މެސީ، ނޭމާ ޖޫނިއާ އަދި އެންހެލް ޑި މާރިއާއެވެ.

މެޗު ފަށައިގެން ޕީއެސްޖީން ވަނީ ނީސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. މެޗުގެ އަަށް ވަނަ މިނެޓުގައި ޑި މާރިއާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގައި މެސީ އަދި ނޭމާގެ ހަމަލާތަކެއް ފެނުނު ނަމަވެސް، ނީސްގެ ޑިފެންޑަރުން ދިޔައީ އެ ދެ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވަމުންނެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވެއެވެ.

ދެ ވަނަ ހާފުގައި ނީސް މޮޅުވި ލަނޑު އެ ޓީމުން ޖެހީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެެވެ. އެއީ ކެލްވިން ސްޓެންގް ނެގި ހުރަހެއްގައި ޑެލޯޓް ބޯޅަ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެވެ.

ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 49 ޕޮއިންޓު ހޯދައިގެން ނީސް އިން ވަނީ ލީގު ތާވަލްގެ ދެ ވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ނަމަވެސް ލީގު ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ޕީއެސްޖީއެވެ. އެ ޓީމުން އެއް ވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ. މި ދެ ޓީމުގެ ދެމެދުގައި 13 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

comment ކޮމެންޓް