އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ޓާނާ ޑޮމިންގޭޒްއެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު ނަގައިދިން ބޯޅައަކުން ވޮލީއެއްގައި ޓާނާ ފޮނުވާލި ބޯޅަ އަމާޒުވީ ގްރާންޑޭގެ ގޯލުގެ މަތީ ކަނަށެވެ. މިއީ އޭނާ މާޒިޔާއަށް ބަދަލުވި ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ދެ ވަނަ ލަނޑެވެ.
ޓާނާގެ ލަނޑަށް ފަހު ވެސް މާޒިޔާއިން އިތުރު ލަނޑެއް ޖެހުމަށް އެޓޭކްގައި ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާއަށް އިތުރަށް ލީޑު ފުޅާ ކޮށްދިނީ މުހައްމަދު އިރުފާންއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ކޯނަރެއްގައި ޓާނާ ނަގައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެން ގްރާންޑޭގެ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ގްރާންޑޭ އިން ވެސް ލަނޑު ޖެހުމަށް ވަރަށް މަސައްކަތްކުރިއެވެ. އެ ޓީމުގެ ޗަމޯދު ދިލްޝާން ހަމަލާއެއް ފޮނުވާލި ނަމަވެސް، ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. ގްރާންޑޭއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ގާސިމް ސައްމާމު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ކިރަން ކުމާރު މަތަކުރިއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީވަނީ އެއް މިނެޓު ދައްކާފައެވެ. ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ކުރީކޮޅުގައި މާޒިޔާއިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަަހައިދިނީ ކޯނެލިއަސް ސްޓެވާޓެވެ. އޭނާ މި ލަނޑު ޖެހީ ބޮލުން ފޮނުވާލި ބޯޅަ ގްރާންޑޭގެ ގޯލަށް ވައްދާލައިގެންނެވެ.
ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާއިން ތާވަލްގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ. މުބާރާތުގައި އަދި މާޒިޔާގެ ގޯލަށް ލަނޑެއް ވަދެފައެއް ނުވެއެވެ. ދެ ވަނައިގައި އޮތް ޔޫވީއާއި މާޒިޔާއާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކުލަބް ނިކުންނާނީ ކުލަބް ވެލެންސިއާ އާ ދެކޮޅަށެވެ.