މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސްރޯޑްސް ހަމަޖައްސައިފި

ޔޫތު މިނިސްޓްރީއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސައިފިއެވެ.

އެކަމަށްޓަކައި މިއަދު ގަލޮޅު ރަސްމީ ދަނޑުގެ ވީއައިޕީގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. ކްރޮސް ރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާންއެވެ.

އެއްބަސްވުމުގައު ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ކްރޮސްރޯޑްސްއާ އެކު މި އިވެންޓް އިތުރަށް ފުރިހަމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިނިސްޓްރީގެ ކަންކަމުގައިި ކްރޮސްރޯޑުގެ އެހީތެރިމަކާއި އެއްބާރުލުން އަބަދުވެސް ލިބޭ ކަމަށެވެ.

މި ހަފުލާއަށް ދުނިޔޭގެ ކުޅިވަރު ދާއިރާގައި އުޅުއްވާ ބޭފުޅުން ބައިވެރިވާނެކަމަށާއި، އެބޭފުޅުންގެ ތިބުމުގެ ކަންކަން ހަމަޖެހިގެންދާނީ ކްރޮސްރޮޑުގައި ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

"ލަފާ މިކުރަނީ 15 ވަރަކަށް ކުޅިވަރާއި ގުޅުން ހުރި ފަރާތެއް މި އެވޯޑު ހަފްލާއަށް އަންނާނެ ކަމަށް. މި ހުރިހާ ބޭފުޅުންގެ ހުރިހާ ކަމެއް ހަމަޖައްސާނީ ކްރޮސްރޯޑްސް އިން،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްރޮސްރޯޑުގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އެކި އެކި އިވެންޓުތައް ބޭއްވޭނެ ތަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫތު މިނިސްޓަރު މަހްލޫފްގެ ތަސައްވުރަށް ބަލާއިރު ރާއްޖޭގައި މި ނޫންވެސް ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ބޭއްވިދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެކުވެނި ޓްރެކްގައެވެ.

comment ކޮމެންޓް