ލަތީފް: އެމްޓީސީސީ އުފެދުނީއްސުރެ، މިއަދާ ހަމައަށް ޚިދުމަތުގައި

ލަތީފް: އޭނާ މިހާރު މަސައްކަތް ކުރަނީ ހުޅުމާލޭ ވެހިކަލް ސާވިސް ސެންޓަރުގައި

ޢަބްދުއްލަތީފް ނުވަތަ މަސައްކަތުގެ ދާއިރާގައި މަޝްހޫރު ނަމުން ނަމަ "ބައްތި ލަތީފް"ގެ ހަޔާތުގެ އެންމެ ފާހަގަކުރެވޭ ހަނދާންތައް، ގިނަ މީހުންނާ ތަފާތެވެ. އޭނާގެ ހަޔާތުގެ ގިނަ ހަނދާންތައް ގުޅިފައިވަނީ މަސައްކަތުގެ މާހައުލާއެވެ.

އެމްޓީސީސީގެ ސީނިއާ ސާވިސް އިންޖިނޭރެއްގެ މަޤާމުގައި ހުރި ލަތީފް ވަނީ އެކުންފުނި އުފެދުނީއްސުރެ މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި 41 އަހަރު ޚިދުމަތް ކޮށްދީފައެވެ.

"އަޅުގަނޑު މިހާ ގިނަ ދުވަހު މި މަސައްކަތުގައި ދެމިހުރެވުނީ ކުރާ މަސައްކަތް ދެކެ ލޯބިވާތީ. މަސައްކަތް ކުރާ ހިތުން ކޮންމެ ދުވަހަކުވެސް އޮފީހަށް އާދެވޭތީ. އަދި އަޅުގަނޑުގެ ޢާއިލާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭތީ،" މަސައްކަތުގައި މިހާ ގިނަ ދުވަހު ހުރެވުނުގޮތާ ބެހޭގޮތުން ސުވާލުކުރުމުން ލަތީފް ކިޔައިދިނެވެ.

ނަމަވެސް ލަތީފް އަދި ރައްޔިތުންގެ ޚިދުމަތަށް ނުކުތީ މިޔަށްވުރެވެސް ކުރިންނެވެ.

ޅަ އުމުރުގައި ބުރަ މަސައްކަތަށް

ލަތީފް އެންމެ ފުރަތަމަ ވަޒިފާއަށް ނުކުތީ އުމުރުން 15 ވަރަކަށް އަހަރުގައި ޓްރާންސްޕޯޓު މިނިސްޓްރީއަށެވެ. އޭރު ކުރަންޖެހޭ މަސައްކަތަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ފެހިކެހުމާއި ތެޔޮލުމެވެ.

"އޭރު އަދި ރަނގަޅަށް ނޭނގޭ ފަތާކަށް ވެސް އެކަމަކު ވެސް ބޮއި އަޅައިގެން އޭގަ އެލިގެން ވެސް އެ މަސައްކަތް ކުރެވޭތޯ ބެލީ،" ލަތީފް ކިޔައިދިނެވެ.

އޭނާ ވަޒީފާ އަދާކުރި އިރު ވަޒީފާގެ މާހައުލު އޮތް ގޮތް މިހާރާ އަޅާބަލާއިރު އެތައް ހާސްބައި ތަފާތެވެ.

"މަސައްކަތް ލަސްވެ ގިނައިރުވީމާ ވަރަށް ދެރަވާ އެއްޗިހި ވެސް ކިޔާ. ކަންކަން އޭރު ރަނގަޅަށް ދަސްނުވާތީ އެއީ،" ލަތީފް ކިޔައިދިނެވެ.

ލަތީފް އޭނާގެ ޚިދުމަތުގެ ކުރީކޮޅުގައި --- ފޮޓޯ/ ލަތީފް

އެ އުނދަގޫ ދުވަސްތައް ތަހައްމަލުކުރުމުގައި އޭނާއަށް އެންމެ ބޮޑު ބާރަކަށްވީ އޭނާގެ ޢާއިލާއެވެ. އަދި ޙާއްޞަކޮށް އޭނާގެ މަންމައެވެ. މިއަދު ވެސް އެ މަންމަގެ ވާހަކަ ލަތީފް ކިޔައިދެނީ އަސަރާ އެކުއެވެ.

"އަޅުގަނޑު ގެއަށް ގޮސް މިބުނަނީ މަންމަ ކައިރީ މިހެންނޭ އެ މީހުން ކަންތައް ކުރަނީ. ދުވަހަކު ވެސް މަންމަ ނުބުނާނެ ތިކަން ހުއްޓާލާށޭ އެއް. އަބަދު ވެސް ބުނާނީ ހިތްވަރު ކުރާށޭ،" ފެންކަޅިވެފައި ހުރެ އަސަރާއެކު ލަތީފް ކިޔައިދިނެވެ.

ލަތީފް ރާއްޖެއިން ބޭރުގައި ފުރިހަމަކުރި ތަމްރީނެއްގެ ތެރެއިން --- ފޮޓޯ/ ލަތީފް

ލަތީފް ބުނި ގޮތުގައި މަންމައާ އެއްގޮތަށް އޭނާގެ އަނބިމީހާވެސް އެއީ އޭނާގެ ކާމިޔާބީގެ އެއް މޭސްތިރިއެވެ.

"ވަޒީފާގެ ގޮތުން އަޅުގަނޑަށް ވަރަށް ލަހުން އާދެވެނީ ގެޔަށް ގިނަ ދުވަހު. އެކަމު ދުވަހަކުވެސް އަޅުގަނޑަކަށް ޝަކުވާއެއް އެކަމަކާއެއް ނުކުރޭ،" އަންހެނުންގެ ކެތްތެރިކަމާއި ހިތްވަރަށް ތަޢުރީފްކުރަމުން ލަތީފް އުފަލާއެކު ހާމަކޮށްދިނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ލަތީފް މަސައްކަތަށް ނުކުތް އިރު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމް ޤައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންފިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމެވެ. އެ ކުންފުނި އުފެދުމާއެކު ލަތީފް އެ ކުންފުނީގެ ވަޒީފާއަށް ބަދަލު ކުރެވުނެވެ.

އަތް ބިނދުމާއި، ނަސީބު އަތުގައި ހިފުން

ކަރަންޓު މަސައްކަތަކީ ލަތީފް އަބަދު ވެސް ވަރަށް ކުރާހިތްވާ މަސައްކަތެކެވެ. އެކަމުގެ ޝައުގުގައި އޭނާ އައީ އަމިއްލައަށްވެސް ތަޖުރިބާކުރުމުގެ ބައެއް މަސައްކަތްތައް ކުރަމުންއައެވެ.

"އަޅުގަނޑަކީ ވަރަށް އެކްސްޕެރިމަންޓް ކުރާ ހިތްވާ މީހެއް. އަބަދުވެސް ބެޓަރިއެއް ބޭނުންކޮށްގެން އެއްޗެއް ހެދުމާއި، ކޮންމެވެސް އިލެކްޓްރިކް އެއްޗެއް މަސައްކަތްކުރާނެ ގޮތް ޑިޒައިންކޮށް ކުރަހާ ހަދަން،" ލަތީފް ބުންޏެވެ.

ލަތީފް އޭނާގެ ޚިދުމަތުގެ ކުރީކޮޅުގައި --- ފޮޓޯ/ ލަތީފް

ނަމަވެސް، މަސައްކަތުގެ މައިދާނުގައި އޭނާއަށް އެ މަސައްކަތްކުރުމުގެ ފުރުޞަތު އޭރު އަދި ނުލިބެއެވެ. އެހެން ހުއްޓާ އޭނާގެ އަތުގައި ހީވެސްނުކުރާފަދަގޮތަކަށް ހިފި ނަސީބަކީ އަތް ބިނދުމެވެ.

ފުޓުބޯޅަ ކުޅެން އުޅެނިކޮށް އަތް ބިނދުމުން، އިންޖީނުތަކުގައި ކުރަން ހުންނަ ބުރަ މަސައްކަތްތައް ކުރަން އޭނާއަށް އުނދަގޫވިއެވެ.

"އޭރުވެސް ހިތްވަރުކޮށްފައި އަޅުގަނޑު މަސައްކަތަށް ނުކުންނަން. އެހެން ހުއްޓާ މި ހުޅުވާލަނީ އިލެކްޓްރީޝަނުން ހޯދަން، ދެން އަޅުގަނޑު ހިތަށް އެރީ މިއީ އަޅުގަނޑުގެ ފުރުޞަތޭ،" ލަތީފް ކިޔައިދިނެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމެވެ. ސަބަބަކީ އެ ނިންމުމުގެ ސަބަބުން އޭނާއަށް ގިނަ ފުރުޞަތުތަކެއް ހުޅުވިފައިވުމެވެ.

"އަޅުގަނޑަކީ ވަރަށް ކުރާހިތުން މަސައްކަތް ކުރާމީހަކަށްވުމުން ވަރަށް ފަސޭހައިން މަސައްކަތް ދަސްވޭ، ކޮންމެ މަސައްކަތެއްވެސް ބޭނުންވަނީ އަމިއްލައަށް ތަޖުރިބާކޮށްގެން ދަސްކުރަން،" ލަތީފް ކިޔައިދިނެވެ.

"ކުންފުނި ދޫކޮށްނުލީ ވާ ލޯބިން"

އެމްޓީސީސީގައި ލަތީފް ވޭތުކުރި މުއްދަތުގެ ތެރޭގައި ތަފާތު އެތައް ތަޖުރިބާއެއް ކުރިއެވެ.

ދެހާސް ހަތްވަނަ އަހަރު އެމްޓީސީސީގެ އެންޖިނިއަރިން މަސައްކަތްތައް ތިލަފުށީގެ އެމްޓީސީސީ ސައިޓަށް ބަދަލު ކުރި ހިސާބުން ލަތީފް ތިލަފުއްޓަށް ބަދަލުކުރެވުނެވެ. އަދި ތިލަފުށީގައި އެމްޓީސީސީގެ އޮޕަރޭޝަންތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބުނެވެ. އެގޮތުން ތިލަފުށީގެ ބޯޓުޔާޑު މިހާރު ހުރި ފެންވަރަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކުގައި ލަތީފަށް އިސް ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބުނެވެ.

ލަތީފް އޭނާގެ މަސައްކަތުގައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އޭގެ ބާރަ އަހަރު ފަހުން 2019 އަހަރު އޭނާ މާލޭ ސަރަހައްދުގެ ބަސްތައް މަރާމާތުކުރުމުގެ މަސައްކަތަށް ބަދަލުކުރެވުނެވެ. މިއަދު ވެސް އޭނާ ޝައުގުވެރިކަމާ އެކު މެދުނުކެނޑި ކުރަމުންދާ މަސައްކަތަކީ އެއީއެވެ.

މިހުރިހާ ދުވަހު ކުރެވުނު އެކިކަހަލަ ތަޖުރިބާތަކާއި އެކުގައި ވެސް އޭނާ އެމްޓީސީސީގެ ވަޒީފާގައި ދެމިހުރުމުގެ އަސްލަކީ އޭނާގެ ހިތުގައި ކުންފުންޏަށް ޖެހިފައި އޮތް ލޯތްބެއްގެ ބޮޑުކަމެވެ.

"އަޅުގަނޑަށް ވެސް ލިބުނު އެކި ފުރުޞަތުތައް އަމިއްލަ ކުންފުނިތަކުން ވެސް ބޮޑެތި މުސާރަ ވެސް ހުށަހެޅި. އެކަމަކު ކުންފުނި ދެކެވާ ލޯބިންނާއި ކުރާ އިތުބާރުގެ ބޮޑުކަމުން މަޑުކުރީ،" ލަތީފް ބުންޏެވެ.

"އަދި ހަމައެޔާއެކު އަޅުގަނޑަށް ވިސްނުނީ ސަރުކާރު ކުންފުންޏެއްގައި ލިބޭ ވަޒީފާގެ ޔަޤީންކަން މާބޮޑުވާނެއޭ އަމިއްލަ ކުންފުންޏަކަށްވުރެ، އެހެންވެ މަޑުކުރެވުނީ،" ލަތީފް އިތުރަށް ކިޔައިދިނެވެ.

ޒުވާނުންނަށް: ކަންނެތް ނުވެ މަސައްކަތަށް ނުކުމޭ

ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތް ކުރުމަށް ފަހު ލަތީފް މިހާރު ތައްޔާރުވަމުން އަންނަނީ ރިޓަޔާ ކުރާށެވެ. މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހަކީ އޭނާ މަސައްކަތަށް ނުކުންނާނެ އެންމެ ފަހު ދުވަހެވެ.

މަސައްކަތާ ދުރަށް ދާން ނިންމި އިރު، އަދުގެ ޒުވާނުންނަށް ވެސް އޭނާ ދޭން ބޭނުންވާ ޚާއްޞަ މެސެޖެއް އެބައޮތެވެ.

"ކުރާ މަސައްކަތެއް ފަރުވާތެރިކަމާއެކު، ކަންނެތް ނުވެ ކުރާށޭ. އެއްވެސް ގޮތަކަށް ހީނުކުރާށޭ މަސައްކަތެއް ނުކޮށް ހާސިލުކުރަން ބޭނުންވާ ކަންކަން ކުރެވޭނެކަމަށް،" ލަތީފް ބުންޏެވެ.

އޭނާގެ ނަޒަރުގައި މިހާރު މިދާއިރާއަށް ނުކުންނަ ގިނަ ކުދިންނަށް ދާއިރާގައި ކުރިއަށް ދިއުމަށް ދަތިވަނީ ފަރުވާ ކުޑަ ވުމާއި މަސައްކަތުގައި ހޭދަކުރަން ބޭނުންވާ ވަގުތު މަދުވުމުގެ ސަބަބުންނެވެ.

ލަތީފް އޭނާގެ މަސައްކަތުގައި --- ސަންފޮޓޯ/ ނާއިލް ހުސައިން

ލަތީފް ބުނީ މި ދާއިރާއަށް ޒުވާނުން ނުކުތުމަށް އޮތް އެންމެ ރަނގަޅު މަގަކީ އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމް ފަދަ އެޕްރެންޓައިސްޝިޕް ޕްރޮގުރާމުތަކުގެ ބޭނުންހިފައިގެންކަމަށެވެ.

"ސަބަބަކީ، އަޅުގަނޑު ވެސް އަސްލު އޭރު އެކަހަލަ ޕްރޮގުރާމެއްގެ ތެރެއިން މަސައްކަތަށް ނުކުތީ. އެހެންވީމަ އަޅުގަނޑަށް އެނގޭ އެގޮތަށް ކަންކަން ދަސްކުރީމަކަން ރަނގަޅުވާނީ" ލަތީފް ކިޔައިދިނެވެ.

ލަތީފް ދެކޭ ގޮތުގައި އިންޖިނޭރިން ދާއިރާގެ ކުރިމަގު ރާއްޖޭގައި މިއޮތީ ވަރަށްވެސް އަލިކޮށެވެ. ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ޝައުގުވެރިކަން ހުރި ޒުވާނުންނަށް ދާއިރާ އޮތީ ހުޅުވާލެވިފައެވެ. އެ ވިސްނުމާއެކު، މި ދާއިރާ އައު ކުދިންނަށް ދޫކޮށްލަނީ ހެޔޮ ހިތަކާ އެކީއެވެ.

comment ކޮމެންޓް