ރަޝިޔާ އާއި ޔޫކްރޭނުގައި އިންސްޓަގްރާމް މެދުވެރިކޮށް އެންކްރިޕްޓެޑް މެސެޖުތައް ފޮނުވޭ ގޮތް ހަދައިފިއެވެ.
މީގެ ކުރިން ފޭސްބުކުގެ ނަމުގައި ހިންގި އަދި މިހާރު މެޓައަށް ބަދަލުކޮށްފައިވާ ކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމުން ރަޝިޔާ އާއި ޔޫކްރޭނުގައި އެންކްރިޕްޓެޑް މެސެޖުގެ ޚިދުމަތް ދޭން ފެށީ އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
އެ ބަދަލުގެ ސަބަބުން، ރަޝިޔާ އާއި ޔޫކްރޭނުގައި އިންސްޓަގްރާމް ބޭނުން ކުރާ މީހުންނަށް، ޑައިރެކްޓް މެސެޖުތައް އެންކްރިޕްޓެޑް މެސެޖުގެ ގޮތުގައި ފޮނުވުމުގެ އިޚުތިޔާރު ލިބޭނެއެވެ.
މެޓައިން ބުނި ގޮތުގައި އެ ބަދަލު ގެނައީ ރަޝިޔާއާއި ޔޫކްރޭނުގައި ރައްކާތެރިކަމާ އެކު މުއާސަލާތު ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.
މެޓަގެ ގްލޯބަލް އެފެއާޒްގެ ރައީސް ނިކް ކްލެގް ވިދާޅުވި ގޮތުގައި ރަޝިޔާގެ މަޝްހޫރު މިއުޒިޝަނުންނާއި އެކްޓިވިސްޓުން ދަނީ މި ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައި، މައުލޫމާތު ހޯދުމަށް އިންސްޓަގްރާމާއި ފޭސްބުކް ބޭނުން ކުރަމުންނެވެ.
މީގެ އިތުރުން އޭނާ ވަނީ، ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ ވާހަކަތައް ރަޝިޔާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ރަޝިޔާގެ ސަރުކާރުން މެޓަގެ ހިދުމަތްތައް މަނާކޮށްފައިވީ ނަމަވެސް މެޓައިން ވަނީ މި ހަނގުރާމައާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ރަޝިޔާ ސަރަހައްދުގައި ފޭސްބުކް ބޭނުން ކުރާ މީހުންނަށް އެމީހުންގެ ޕްރޮފައިލް ލޮކް ކުރެވޭގޮތް ހަދައި، އެހެން މީހުންނަށް އެ އެކައުންޓުގެ "ފްރެންޑް ލިސްޓް" ހޯދާ ނުބެލޭނެގޮތް ވަނީ ހަދާފައެވެ.
"ލޮކް ޕްރޮފައިލް" މި ފީޗާ ފުރަތަމަ ލޯންޗް ކުރީ 2020 ވަނަ އަހަރު އިންޑިއާގައި، އަންހެނުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
މެޓަގެ އެހެން އެޕްލިކޭޝަންތައް ކަމަށްވާ މެސެންޖާ އަދި ވަޓްސްއެޕުން މިހާރުވެސް މެސެޖްތައް އެންކްރިޕްޓް ކުރެއެވެ.