ފެނަކައިން ހުރާގައި ހޯމްސޯލާގެ ނިޒާމެއް ގާއިމްކުރަނީ

ކ. ހުރާ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ކ. ހުރާގައި ހޯމްސޯލާގެ ނިޒާމެއް ގާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ހުރާ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ކަަރަންޓު ޚަރަދު ކުޑަކުރުމަށްޓަކައި އެ ކުންފުނިން ހުރާގައި ހޯމް ސޯލާ ނިޒާމެއް ގާއިމްކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ހޯމް ސޯލާއަށް އެދި ހުށަހަޅާ ފޯމް މިއަދުން ފެށިގެން ފެނަކައިގެ އޮފީހުން ލިބެންހުންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތިން ވައްތަރެއްގެ ޕެކޭޖެއް ހުންނާނީ. އިޚްތިޔާރުކުރައްވާ ޕެކޭޖެއް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނީމަ އަޅުގަނޑުމެން ފުރާޅުގަ ސޯލާ ހަރުކޮށްދީފަ ތިބޭފުޅުންގެ ކަރަންޓު ބިލުން އެތަން މަދުކުރެވޭނެ ގޮތް ހަމަޖައްސައިދޭނަން،" ސަޢީދު ވިދާޅުވިއެވެ.

ހޯމް ސޯލާއަށް ރައްޔިތުން ފައިސާ ދައްކަންޖެހޭނީ ދިގުމުއްދަތަކަށް ބަހާލައިގެންކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހުރާގެ 70 ޕަސެންޓަށް ކަރަންޓުދޭގޮތަށް ނިޒާމު ބަދަލުކޮށްލާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށުގައި ގާއިމްކުރެވޭ އިންޖީނުގެއާއި ފެން ޕްލާންޓުން އެ ރަށާ ކައިރި ހުރިހާ ސަރަހައްދަކަށް ފެނާއި ކަރަންޓު ފޯރުކޮށް ދެވޭނެކަމަށެވެ.

ނަރުދަމާގެ ކަންކަން އެ ރަށުގައި ކުރެވޭނެ ގޮތުގެ ނިޒާމެއް ފެނަކައިން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުންޏަކީ ރައްޔިތުންގެ އިހްސާސްތައް އަޑުއަހައިގެން ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތްދޭ ކުންފުންޏެއް ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއީ ވިޔަފާރި އޮގަނައިޒޭޝަނެއް ނޫން. މިއީ ރައްޔިތުންނަށް އަސާސީ ޚިދުމަތްދޭ ކުންފުންޏެއް. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކަމެއް ފޯކަސްވެފައި ހުންނާނީކީ ހަމައެކަނި ފައިސާ ހޯދުމަކަށް ނޫން. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް،" ސަޢީދު ވިދާޅުވިއެވެ.

comment ކޮމެންޓް