ޔޫކްރޭނުގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާކަމަށް އދ.އިން ބުނެފިއެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަމަލާދޭން ފަށާފައިވާއިރު ޔޫކްރޭން ދޫކޮށް ފަސް ލައްކައަށްވުރެ ގިނަ މީހުން ވަނީ އެހެން ގައުމުތަކަށް ގޮސްފައެވެ. އަދި ޔޫކްރޭނުގެ ރެފިއުޖީންގެ އަދަދު މިލިއަނުން މައްޗަށް އަރާނެކަމަށް އިދާރާތަކުން ލަފާކުރެއެވެ.
އދ.ގެ ހިއުމަނިޓޭރިއަން އެފެއާސްގެ އަންޑަ ސެކްރެޓަރީ މާޓިން ގްރިފިތުސް ވިދާޅުވީ، ޔޫކްރޭން ކާރިސާ ވަރަށް ނުބައި ފައްތަރަކަށް ގޮސްފައިވާ ކަމަށެވެ.
ޔޫކްރޭނުން މިލިއަނަކަށްވުރެ ގިނަ ރެފިއުޖީން ބަލައިގަތުމަށް އީޔޫއިން ތައްޔާރުވާންޖެހޭކަމަށް އީޔޫގެ އިސް ލީޑަރުންވެސް ވަނީ ވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ކިއެވްގައި ތިބި އާންމުން އެހެން ތަނަކަށް ދިއުމަށް އިރުޝާދު ދީފައެވެ.
ނަމަވެސް ގައުމުގެ ދިފާއުގައި މަސައްކަތްކުރުމަށް ކިއެވްގެ ގިނަ ރައްޔިތުން ވަނީ ވެރިރަށުގައި މަޑުކޮށްފައެވެ.