މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރ. މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުން-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. މަޑުއްވަރީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި އެހެން އޭޓީއެމްތަކެކޭ އެއްގޮތަށް، ފައިސާ ނެގުމުގެ ޚިދުމަތާއި ފައިސާ ޖަމާކުރުމުގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވެސް މި އޭޓީއެމްއިން ލިބެން ހުންނާނެއެވެ.

ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ދެމުން ދެއެވެ.

މީގެ އިތުރުން އަލިފުއްޓާއި ދުވާފަރު އަދި މަޑުއްވަރީ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރު ކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރު ކުރެވިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ޚިދުމަތުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭގެ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޑުއްވަރީގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސާވިސް ބޭންކިން ސެންޓަރު، 137 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ދެމުންދެއެވެ.

comment ކޮމެންޓް