އީމާން ސަލާމަތްވާނެ ކަމުގެ އުންމީދު ކަނޑައިލައިފި

ދުއްވާފައިދިޔަ ސައިކަލަކުން ވެއްޓި ހޮސްޕިޓަލްގައި ފަރުވާހޯދަމުންދާ އާމިނަތު އީމާން ---

ހުޅުމާލޭގައި އިއްޔެ ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާން ސަލާމަތްވުމުގެ އުންމީދު ޑޮކްޓަރުން ކަނޑައިލައިފިއެވެ.

އީމާން މަރުވެއްޖެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން އެކަން ދޮގު ކުރެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލު "ސަން"އަށް ވިދާޅުވީ އީމާން ނިޔާވިކަން ޑޮކްޓަރުން އަދި ޔަގީން ނުކޮށްދޭ ކަމަށެވެ. އަދި އޭނަގެ ވިންދު އެބަހުރިކަމަށް އައްފާލު ވިދާޅުވިއެެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 16:25 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.

އީމާން ހޭ ނާރައިގެން އޭނާ ވެންޓިލޭޓަރަށް ލީ ރޭގައެވެ.

އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ވިއްސަކަށް މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ މީހަކަށް ފެނިގެންނެވެ.

މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ ކުލަމަޑުކަމުން އީމާން ދިޔަ މަގުގައި ބަމްޕަރެއް އޮތްކަން އޭނާއަށް ނޭގުނީ ކަމަށެވެ. އެހެންވެ ބަމްޕަރުމަތިން ބާރު ސްޕީޑުގައި ދުއްވުމުން ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެފަ އޮތް ގޮތަކީ އެ ބަމްޕަރުގެ ކުލަ ތަންކޮޅެއް މަޑުވީމަ އޭނަ ހީކުރީ ބަމްޕަރެއް ނެތް ކަމަށް. އެހެންވެ އޭނައަށް ދެވުނީ ބަމްޕަރު މަތިން ބާރަށް. ވެއްޓިގެން ވިއްސައިގެން ގޮސް އީމާން އޮތީ ބަމްޕަރު މައްޗަށް ޖެހިފަ،" އަންހެނުންގެ ކޮމިޓީގެ މެމްބަރު ވިދާޅުވިއެވެ

ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ރޭގައެވެ.

ފަރުވާދޭން ފެށިފަހުން ކޮންމެވެސް ވަރަކަށް ނޭވާލާ ކަމަށާއި ނަމަވެސް އަދިވެސް ހޭނާރާ ކަމަށް އަންހެނުންގެ ކޮމިޓީގެ މެމްބަރު ކިޔައިިދިނެވެ.

"ބޮލުގެ އެއްފަޅީގެ ނާށިގަނޑު ފަޅައިގެންގޮސް، އިންޓާނަލީ ބްލީޑް ވަނީ. އީމާންގެ ވިންދުހުރީ ހަމައެކަނި. އޭނަގެ އެއްވެސް ހަރަކާތެއް ނެތް،" އޭނާ ކިޔައިދިނެވެ.

އީމާން ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭރުވެސް އެ ސަރަހައްދަށް ލޭ އޮހޮރިފައި އޮތެވެ.

comment ކޮމެންޓް