ޓީސީ ބަލިކޮށް މާޒިޔާއިން އެއް ވަނައިގައި ހަަމަޖެހިލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔަބުކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނިކުތްއިރު މާޒިޔާއިން ވަނީ ލީގުގައި ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ޓީސީ ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ. ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު މާޒިޔާ އޮތީ އެއް ވަނައިގައެވެ. މިރޭގެ މެޗުން މޮޅުވެ ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރުކުރުމުގެ ފުރުސަތު ޓީސީއަށް އޮތެވެ.

މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. އެ ޓީމުން ވަނީ ޓީސީގެ ހާފު ތެރޭގައި ބޯޅަ ގެންގުޅެ އެ ޓީމުގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. މާޒިޔާގެ ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ތަނަވެސް ކޮށްފައެވެ.

މެޗްގެ 21 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމްއެވެ. އޭނާ މި ލަނޑު ޖެހީ ޓީސީ ގޯލް ކުރި މައްޗަށް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ރެފްރީގެ ނިންމުންތަކާ މެދު ޓީސީގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އެ ޓީމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ ފައުލްތަކުގައި ރެފްރީ ކާޑު ނުދައްކާ ކަމަށް ބުނެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ރެފްރީ ވަނީ ދެ މިނެޓު ދައްކާފައެވެ. އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ކުޅުންތެރިޔަކަށް ޓީސީގެ އޭރިޔާ ރޮނގު މަތިން ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމުގައި ޓާނާ ޑޮމިންގޭޒް ފޮނުވާލި ބޯޅަ ހުއްޓުނީ ކުރިމަތީ އެތުރިގެން ތިބި ޓީސީގެ ކުޅުންތެރިންގެ ގައިގައި ޖެހިފައެވެ. ހާފު ނިމުނީ 1-0 އިން މާޒިޔާއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޓީސީގެ ނާއިޒް ހަސަން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާގެ އައިސަމް އަށް ކުރި ފައުލަކާ ގުޅިގެން ޓީސީގެ ހުސެއިން އަހުޝަމް މޫސާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

ބޯޅަ ހިފައިގެން ދާން އުޅުމުގެ ތޭރޭގައި މާޒިޔަގެ ސްޓެވާޓަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޓީސީގެ ގޯލް އޭރިޔާ ކައިރިން ހިލޭ ޖެހުމެއް ލިބިފައެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޓަނާ ނަގައިދިން ބޯޅައެއް އައިސަމް ޓީސީގެ އޭރިޔާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއްގައި ޓަނާ ނަގައިދިން ރީތި ބޯޅައެއް އައިސަމް ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ޓީސީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 80 ވަނަ މިނެޓުގައި މާޒިޔާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. ޓީސީގެ އޭރިޔާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ޓަނާ ދިން ހިތްގައިމު ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާޓްއެވެ. އޭނާ ތިރި ތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ މިނެޓެއް ފަހުން އަނެއްކާވެސް މާޒިޔާއިން ވަނީ ލަނޑެއް ޖަހާފައެވެ. ބޯޅަޔާއެކު ދެ ޑިފެންޑަރުން ނައްޓައި ޓީސީގެ އޭރިޔާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދެވެ.

މެޗުގެ 85 ވަނަ މިނެޓުގައި މާޒިޔާގެ ޓަނާގެ ބަދަލުގައި މުހައްމަދު އުމެއިރު ވަނީ ކުޅެން ނިކުމެފައެވެ. އިތުރު ވަގުތަށް ރެފްރީ ދެ މިނެޓު ދެއްކިއިރު، މެޗު ނިމުނީ 3-0 އިން މާޒިޔާ މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ހަމްޒާއެވެ.

މިރޭގެ މެޗުން މޮޅުވެ މާޒިޔާއަށް ވަނީ ޖުމުލަ ނުވަ ޕޮއިންޓު ލިބިފައެވެ. މާޒިޔާ މިހާރު އޮތީ ލީގު ތާވަލްގެ އެއް ވަނައިގައެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޕޮއިންޓުގެ އޮތުން އެއްވަރު ނަމަވެސް، ޔޫވީން ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތީ ކުލަބް އީގަލްސްއެވެ.

comment ކޮމެންޓް