ސީރިއާއިން ރަޝިއާއަށް ފުރިހަމައަށް ތާއިދުކުރާކަމަށް ސީރިއާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު. އަސަދު ވިދާޅުވީ އެމެރިކާގެ މަދަދު ލިބޭ ކުރުދީންނަކީ ޣައްދާރުންކަމަށް -- ފޮޓޯ؛ ސަނާ

ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ބަލައިގަނެވޭކަމަށާއި އެކަމަށް ތާއިދުކުރައްވާކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

ބައްޝާރު ވިދާޅުވީ ސޯވިއެޓް ޔޫނިއަން ނިމުމަށްފަހު ދުނިޔޭގައި އޮތް 'ބެލެންސް' ގެއްލިފައިވާ ކަމަށާއި މިއީ މިހާރު އެ ބެލެންސް އަނބުރާ އިޔާދަކުރުން ކަމަށެވެ.

"ސީރިއާއިން މިތިބީ ރަޝިއާއާއެކު. ރަޝިއާގެ ޑިމާންޑުތަކަކީ ރަޝިއާގެ ހައްގެއް،" އަސަދު ވިދާޅުވިއެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުލް އަސަދުގެ ސަރުކާރަށް ރަޝިއާއިން ވަނީ ތާއިދުކޮށް، ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. ޖުމުލަ 63،000 އަށްވުރެ ގިނަ ރަޝިއާ ސިފައިން ސީރިއާގައި ހަރަކާތްތެރިވާއިރު، އަސަދުގެ ސަރުކާރަށް ކާމިޔާބު ލިބުމުގައި ރަޝިއާގެ ރޯލު ވަރަށް ބޮޑެވެ.

ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ބައްޝާރުލް އަސަދު ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ލޭ އޮހޮރުންތަކުގެ ފުރިހަމަ ޒިންމާ ހުޅަނގުން ނަގަންޖެހޭނެ ކަމަށެވެ. އަދި ހުޅަނގުން ދަނީ ސީރިއާގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ 'ޓެރަރިސްޓް' ޖަމާޢަތްތަކަށާއި ޔޫކްރޭނުގައި ހަނގުރާމަކުރާ "ނާޒީ" ފިކުރުގެ މީހުންނަށް އެހީތެރިވަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ބައި މިލިއަނެއްހާ މީހުން އެ ގައުމުން މަރުވެފައިވާއިރު، ދިހަ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވަންނާނެ ބޯހިޔަލެއް ނެތި ރެފިއުޖީންނަށް ވެފައެވެ.

comment ކޮމެންޓް