ކޮވިޑާ ގުޅިގެން ބަނދުކުރި ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރު އާއްމުންނަށް ހުޅުވާލަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ، ގައުމީ ދާރުލްއާސާރު ވަގުތީ ގޮތުން ބަންދުކުރީ މިިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ކޮވިޑް ހާލަތުގެ އެލާޓު ރަތަށް ބަދަލު ކުރުމާ ގުޅިގެން، ދާރުލްއާސާރުން ދެމުން އައި ޚިދުމަތްތައް މެދުކަނޑައިލަން އޭރު ނިންމީ ދެ ހަފްތާގެ މުއްދަތަކަށެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރު އާއްމުންނަށް ހުޅުވައިލާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.
އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 10:00 އިން ހަވީރު 4:00 އަށް ޤައުމީ ދާރުލް އާސާރު ހުޅުވާފައި ހުންނާނެ ކަމަށާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ދާރުލްއާސާރު ބަންދު ވާނެ ކަމަށް އެ މަރުކަޒުން ބުންޏެވެ. އަދި ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 10:15 އިން މެންދުރުފަހު 3:30ށް ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.
ހއ. އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރު 1:30 އަށެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިން ވެސް ދާރުލްއާސާރާއި ނެޝަނަލް ލައިބްރަރީ ބަންދުކޮށްފައިވެއެވެ. އެގޮތުން ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި ހުރުމަށްފަހު އެތަންތަން އަލުން ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
އެއިރު ދާރުލް އާސާރު އަލުން ހުޅުވިއިރު، އެ ތަނުގެ ލައިޓިންތައް ރަނގަޅުކޮށް ޑިސްޕްލޭއަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށުމުން، ދާރުލް އާސާރަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.