ގައިދީން، މާލެ ނުގެނެސް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް

ސީޕީ އަޙްމަދު މުޙައްމަދުފުޅު (ކ) އަދި އައިޖީއެމްއެޗްގެ ސީއޯއޯ އިބްރާޙީމް ސަލީމް (ވ) -- ފޮޓޯ/ ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ޖަލުގައި ބައިތިއްބައިގެން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ކަމާބެހޭ އެއްބަސްވުމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)އާއެކު މިއަދު ވަނީ ސޮއި ކޮށްފައެވެ.

ކަރެކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހީމް ސަލީމްއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

އެމްސީއެސް އިން ބުނީ ގައިދީންނާއި ބަންދު މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ޓަކައި އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފުތަކާއި ކުރިމަތީލާންޖެހޭ އަދި އެހާމެ ހަރަދު ބޮޑު ކަމެއް ކަމަށެވެ.

އެހެންކަމުން މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަގްސަދަކީ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން އާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ބައްޔަކާ ގުޅުންހުރި ސްޕެޝަލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަމަށް އެމްސީއެސްއިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރު މުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި އަދި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައިގެން ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އިތުރަށް ކަރެކްޝަނުން ބުނީ މިފަދަ އިންތިޒާމެއް ހަމަޖެއްސުމަކީ ގައިދީންނާއި ބަންދު މީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމުގައި ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. އަދި ކޮވިޑުގެ މި ހާލަތުގައި ވެސް އެމްސީއެސްގެ އަމާޒަކީ ގައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް