ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު މާރިޔާ ޔޫއޭއީއަށް

މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އަބޫދާބީއަށް ފުރާވަޑައިގެންނެވުން-- ފޮޓޯ/ އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު މާރިޔާ އަބޫދާބީއަށް ކުރައްވާ މި ދަތުރުފުޅަކީ މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

"ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލްގެ އިތުރުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސް ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

މިއީ ޔޫއޭއީގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް، ޝެއިޚް މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު މާރިޔާ ވަނީ މިދިޔަ މަހު ވެސް ޔޫއޭއީއަށް ވަޑައިގެންފައެވެ. އެއީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ކުރެއްވި ދަތުރުފުޅެކެވެ.

ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރު މާރިޔާ ހިމެނޭހެން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި ރައީސް ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް