ދިވެހިބަހުގެ އެކެޑަމީން ޅެންވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް ވާހަކަދައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް

ދިވެހިބަހުގެ އެކެޑަމީން ޅެންވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ރޭ ހުޅުމާލެ ޣާޒީ ސުކޫލުގެ ހުސްބިމުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދުވަހުގެ މުނާސަބަތުގައި ވަނީ ތިން ޅެން ފޮތް ނެރެފައެވެ.

އެ ގޮތުން ޖައުފަރު ކަމާލުއްދީންގެ ޅެންތައް އެކުލެވޭ ފޮތެއްގެ އިތުރުން ޚަޔާލާތެނަސީމުގެ ޅެންފޮތް އަދި މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައިވާ އުތީމް އާދަމް އަބްދުއްރަހުމާން (އުތީމް އާދަމްބެ)ގެ ހާއްސަ ޅެން ފޮތެއް ވެސް ވަނީ އެ ޖަލްސާގައި ނެރެފައެވެ.

ރާއްޖޭގެ ފުންނާބު އުސް ޅެންވެރިން ބައިވެރިވި އެ ޖަލްސާގައި ޅެންކިޔުމުގެ ހުނަރު އަދި ޅެމަށް ވަނީ އިލްމީ ގޮތުން އެބޭފުޅުން ފާޑުކިޔާފައެވެ.

މީގެ އިތުރުން، އެ ޖަލްސާގައި އެކަޑެމީގެ ދައުވަތަކަށް ވާހަކަދެއްކުންތެރިކަމުގެ ގޮތުން ނަމޫނާ ތިން ވާހަކަދެއްކުންތެރިން ވެސް ވާހަކަދެއްކެވިއެވެ. އެގޮތުން ޅެންވެރިކަމުގެ މުހިންމުކަމާއި ހާއްސަކަމުގެ މައްޗަށް މުހައްމަދު އާދަމް ސަލީމް ވާހަކަދެއްކެވިއިރު، ޅެންވެރިކަމުގެ އަސާސީ ބަހާތަކުގެ މައްޗަށް ވާހަކަދެއްކެވީ އަބްދުލް މުއީދް ހަސަންއެވެ. އަދި ޒުވާން ވާހަކަދެއްކުންތެރިޔާ ނަސްމާ އަބްދުލް މުހްސިން ވަނީ ޒަމާނީ ޅެންވެރިކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާފައެވެ.

އެ ޖަލްސާގައި ދިވެހިބަހުގެ އެކަޑެމީގެ ފަރާތުން އެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވާހަކަދެއްކެވިއެވެ. އަޝްރަފްގެ ވާހަކަފުޅުގައި ޅެންވެރިންގެ ދުވަސް އެހައި ފުރިހަމައަށް ބޭއްވުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މާދަރީބަހުގެ ދުވަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް ކަމުގައިވާ ސްޓޫޑެންޓް އިނީޝިއޭޓިވް އާޓްސް (ސިއާ)އާ ގުޅިގެން ވަރަށް ކުލަގަދަކޮށް ބާއްވާނެކަމަށެވެ. އަދި އެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖާލްސާއެއްގެ ތެރޭގައި ޅެން ބަހުސެއް ކުރިއަށް ގެންދާނެކަމަުގެ އުފާވެރި ހަބަރު ވެސް އަޝްރަފް ވަނީ ރޭގެ ޖަލްސާގައި ދެއްވައިފައެވެ.

comment ކޮމެންޓް