އަށް މެންބަރުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް: ސުޕްރީމް ކޯޓު

ރައްޔިތުން މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަން ކޮށްފައިތިބި އަށް މެންބަރުން ވަކިކޮށް، އެ މެންބަރުންގެ ބަދަލުގައި އާ މެންބަރުން އައްޔަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އިންތިގާލީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އައްޔަންކުރައްވާފައި ތިއްބެވި އަށް މެންބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މެންބަރުން ވަކިކުރައްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ އަށް މެންބަރުގެ ތެރޭގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ އަހްމަދު މަހްލޫފާއި އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ކުރި ހުކުމް ބާތިލްކޮށް، މިއަދު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި އިންތިގާލީ މަޖިލީސް އޮތް އިރު މަޖިލީހުގެ މެންބަރުން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އިންތިގާލީ މަރުހަލާ ނިމި އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން މަޖިލީސް އެކުލަވާލުމާ ހަމަ އަށް ވަކި ކުރި އެ މެންބަރުނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އާ ގާނޫނު އަސާސީގެ ދަށުން އާ ރައްޔިތުންގެ މަޖިލީސް އިންތިހާބުކޮށްފައި ވަނީ، ރައިސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ.

އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ލިބިގެން ކުރި އެ ހުކުމުގައި ބުނަނީ އިންތިގާލީ މަރުހަލާގައި މަޖިލީސް ވަނީ ތަޅުއެޅުވިފައި ކަމަށާއި އަދި އާ ގާނޫނު އަސާސީގެ ދަށުން އާ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމާ ހަމައަށް އެ މަޖިލީސް އޮންނާނެ ކަން އެނގެން އޮތް ކަމަށެވެ.

އެހެން ކަމުން އާ ގާނޫނު އަސާސީގެ ދަށުން މެންބަރުން އައްޔަން ކުރުމާ ހަމައަށް އިންތިގާލީ މަޖިލީހުގެ މެންބަރުން ތިބޭނެ ކަމަށާއި އެކަން އެގޮތުން އޮންނާނެ ކަން އެނގެން އޮތް އިރު އެ މުއްދަތުގެ ތެރޭގައި މެންބަރަކު ވަކި ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އަދި އިންތިގާލީ މަޖިލީހުގެ ވަކި މެންބަރުންތަކެއް ވަކި ކުރުން އެއީ މެންބަރުންނާ މެދު ގެންގުޅޭ ތަފާތު ކުރުމެއް ކަމަށާއި އޭގެ ސަބަބުން އެ އަށް މެންބަރުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބެލެވޭ ކަމުގައި މި ހުކުމުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު