ސިވިލް ކޯޓުން އެންގުމުން ކޮމަންޑޫ ކައިރި ރަށްތައް ބީލަން ލިސްޓުން އުނިކޮށްފި

ށ.ދިގުވެލިދޫ ---

ށ. ކޮމަންޑޫ ކައިރީ ގުޅިފައި އޮންނަ ތިން ރަށް ކަމަށްވާ ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް (ދިގުވެލިދޫ)ގައި ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫކުރުން ފަސްކޮށްލުމަށް ސިވިލް ކޯޓުން އެންގުމާ ގުޅިގެން، އެ ރަށްތައް ބިޑު ޑޮކިމެންޓުން އުނިކޮށްފިއެވެ.

ސިވިލް ކޯޓުން އެ ވަގުތީ އަމުރު ނެރެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ޕްރިމިއާ އިކުއިޓީ ކުންފުނިން އެ ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ.

ކޯޓުގެ އަމުރުގައި ވަނީ 2008ވަނަ އަހަރު އެ ކުންފުންޏާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ލ. ބޮޑުފިނޮޅާއި، ލ.ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހެދުމަށާއި، އެއަތޮޅު ގަމުގެ ދެ ބިމެއްގައި ޓްރެއިނިން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ވެވުނު އެއްބަސްވުމާ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީން ސެޓުލްމެންޓުގެ ގޮތުގައި ށ. މެދުރަށާއި، ށ. މައިރަށާއި، ށ. ދިގުރަށް ޕްރިމިއާ އިކުއިޓީއަށް ކުއްޔަށް ދިނުމަށް އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އަމުރުގައިވެއެވެ.

އެހެން ކަން އޮއްވާ މިދިޔަ މަހު ނެރުނު ބިޑު ޑޮކިއުމަންޓުގައި އެ ތިން ރަށް ހިމަނާފައި ވާތީ، އެ އިއުލާނުގައި އެރަށްތައް ހިމެނޭ ބަޔަށް އަމަލުކުރުން ފަސް ކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށާއި، ކަމާބެހޭ އިދާރާތަކަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއަށް މި ތިން ރަށް ކުއްލިއަކަށް އިތުރު ކުރީ މިމަހުގެ ފަސްވަނަ ދުވަހު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނު ދުވަސްވަރެވެ.

comment ކޮމެންޓް