ޑީއާރްޕީގެ ތާއީދު ކާށިދޫ ދާއިރާއިން ޖުމުހޫރީ ޕާޓީ ކެންޑިޑޭޓަށް، ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓަށް

ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގެ ކާށިދޫ ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާ ކެނޑިޑޭޓަށާއި ތިމަރަފުށީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލާ ކެނޑިޑޭޓަށް ޑީއާރްޕީން ތާއީދު ކުރުމަށް އެޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން ޒީނާ ޒާހިރު މިއަދު ވިދާޅުވީ ޑީއާރްޕީން ގައުމީ މަސްލަހަތަށް އިސްކަން ދިނުމަށް ފަހު ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތި ނުލުމަށް ނިންމައި ކާށިދޫ ދާއިރާއަށް ޖުމުހޫރީ ޕާޓީން ނެރޭ ކެނޑިޑޭޓަށާއި ތިމަރަފުށީ ދާއިރާއަށް ޕީޕީއެމުން ނެރޭ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

"ޑީއާރްޕީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ކާށިދޫ ދާއިރާއަށް ޖުމުހޫރީ ޕާޓިން ކުރިމަތިލާ ކެނޑިޑޭޓް އަބްދުﷲ ޖާބިރަށް ތާއީދުކުރުމަށް ވަނީ ނިންމާފައި. އަދި ތިމަރަފުށީ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓް އަހުމަދު ޝަރީފަށް ވެސް ތާއީދުކުރުމަށް ވަނީ ނިންމާފައި. ޑީއާރްޕީން މި ދެގޮނޑިއަށް ވާދަނުކުރުމަށް ނިންމީ ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ގޮތުން" ޒީނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ގޮނޑިއަށް އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީންނާއި ޕީޕީއެމުން ވާދަކުރާނެ ކަން އިއުލާން ކުރުމާއި ގުޅިގެން އެ މައްސަލަ ވަނީ އިއްތިހާދުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހޫނުވެފަ އެވެ. އަދި އެ މައްސަލާއިގައި ގޮތްތަކެއް ނިންމުމަށް އިއްތިހާދުން ވަނީ މަޝްވަރާތައް ވެސް ފަށާފަ އެވެ. މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި ޑީއާރްޕީން ކައުންސިލުން ނިންމާފައިވަނީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށެވެ.

ޒީނާ ވިދާޅުވީ މިފަހަރުގެ ބައި އިލެކްޝަން ތަކުގައި ވާދަކުރުމަށް އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައި ނެތްކަމަށާއި އެގޮތުން ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ޑީއާރްޕީން ތާއިދުކުރާ ކެނޑިޑޭޓް ނިންމީ ކަމަށެވެ.

"އިއްތިހާދުގެ ތެރޭގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެއްވުމަށް ފަހުގައިވެސް މިފަހަރުގެ މި ދެބައި އިލެކްޝަނުގައި އެއްކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައެއް ނެތް،" ޑީއާރްޕީގެ ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިހުގެ ބައި އިލެކްޝަނުގައި ޑީއާރްޕީން ވާދަނުކުރި ނަމަވެސް ހދ. ކުމުންދޫ ރަށު ކައުންސިލް ބައި އިލެކްޝަނުގައި ޑީއާރްޕީން ވާދަކުރާނެ ކަމަށާއި އަދި ނ. މާފަރު ބައިއިލެކްޝަނުގައި ޑީއާރްޕީން ކެނޑިޑޭޓަކު ނެރުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ޕީޕީއެމުން އިއްޔެ ބުނެފައިވަނީ ކުރިއަށް އޮތް ކުމުންދޫ ރަށުކައުންސިލް ބައިއިލެކްޝަނުގައާއި މާފަރު ރަށުކައުންސިލް ބައިއިލެކްޝަނުގައި އެޕާޓީގެ ޓިކެޓްގައި ކެނޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. ޑީއާރްޕީ އެންމެ ފަހުން ވާދަކުރި އެއްވެސް ބައި އިލެކްޝަނެއްގައި ކާމިޔާބު ހޯދިފައެއް ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު