19:00
ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު މުސްތޮފާ އާއި ޕީއޭގެ ނައިބު ލީޑަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، ޖިނާއީ ކޯޓުން މިނިވަންކޮށްފި އެވެ.
މި މައްސަލައިގައި ޖިނާއީ ކޯޓުގައި މިއަދު އޮތް، ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަޑުއެހުމުގައި ފުލުހުން ބުނީ ހެކި ފޮރުވައި، ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ނާޒިމާއި މުސްތަފާ ޖަލުގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤްތައް ކުރިއަށް ގެންދިއުމަށް ހުކުމް އިއްވައިދިނުމަށެވެ. އަދި މި މައްސަލައިގެ ހެއްކެއް ކަމަށް ބުނެ ފޯން ކޯލެއްގެ އޯޑިއޯއެއް ވެސް ފުލުހުން ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
ނާޒިމާއި މުސްތަފާގެ އިތުރުން، އެހެން މީހަކު ވެސް ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން ރޭ އެދުނު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ޖިނާއީ ކޯޓުން އެއަމުރު ނެރެދީފައި ނުވުމުގެ ސަބަބުން ފުލުހުން އެމީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. އެއީ ކޮން ބޭފުޅެއް ކަމަށް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ވަނަ ފަރާތަކީ މަދަނީ ކޯޓުގެ ޣާޒީއެކެވެ.
ޖިނާއީ ކޯޓުގެ މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި މުސްތަފާ ވިދާޅުވީ ސަރުކާރުގެ ޢަމަލުތައް ޖަސްޓިފައި ކުރުމުގެ ގޮތުން ބައިނަލްއަގްވާމީ މުޖްތަމަޢުގެ ކުރިމަތީގައި އޭނާ ގުރުބާންކުރީ ކަމަށެވެ. އަދި އޭނާ އަކީ މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ފުލުހުން ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް މުސްތަފާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ނާޒިމް ވަނީ އޭނާ ރޭ ހައްޔަރުކުރުމަށް ފުލުހުން ގޮސް އެ ގޭގެ ދޮރު ވައްޓާލި މައްސަލަ ހުށަހަޅުއްވާފަ އެވެ. އަދި ފުލުހުން ވަނީ ގޯތި ގެދޮރުގެ ހުރުމަތް ކަނޑާފައި ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ އެގޮތަށް ކަންތައް ކުރީ ނާޒިމް ހެކި ފޮރުވަން މަސައްކަތްކޮށްފާނެތީ ކަމަށެވެ.
މި މައްސަލާގެ ހުކުމް އިއްވަވަމުން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ނާޒިމާއި މުސްތަފާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުގެ މައްސަލައިގައި އެކަށީގެންވާ ހެކި ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިނުވާތީ އެ ދެ މެންބަރުން ކުރެ އެއްވެސް މެންބަރަކު ބަންދުގައި ބެހެއްޓުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އެ ދެ މެންބަރުން ވެސް ވަގުތުން ދޫކޮށްލުމަށް ވެސް ޖިނާއީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޖިނާއީ ކޯޓުން މުސްތަފާ އާއި ނާޒިމް މިނިވަންކޮށް ދޫކޮށްލުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ މިއަދަކީ ހައްޤަށް ނަސްރު ލިބުނު ދުވަހެއް ކަމަށެވެ. އަދި ޖިނާއީ ކޯޓުގެ އެ ހުކުމާ ގުޅިގެން 15 ދުވަހަށް އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމުން ވެސް އޭނާ ވީއްލިފައިވާކަން ފުލުހުން އަންގާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ޖިނާއީ ކޯޓުން ބޭރުގައި ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ ޖިނާއީ ކޯޓުގެ އެ ހުކުމަކީ ވަރަށް ވެސް އިންސާފުވެރި ހުކުމެއް ކަމަށެވެ. އަދި ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ އެ މައްސަލައިގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ މެމްބަރަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މި ދެ ބޭފުޅުން ހައްޔަރުކުރީ އެ ދެ ބޭފުޅުންގެ މަސްލަހަތު އޮތް މައްސަލައެއް ހިނގަމުން ދަނިކޮށް، މަދަނީ ކޯޓުގެ ގާޒީއަކަށް ހަ ހާސް ޑޮލަރާއި ބޭރު ޤައުމެއްގެ ދެކޮޅު ޓިކެޓު ދެއްވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރިޝްވަތު ދެއްވީ މިތަނުން ކޮން ބޭފުޅެއް ކަމެއް އަދި އެއީ ކޮން ގާޒީއަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.