މާލޭ ޖަލުގައި ގައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ގޮތަށް ހާއްސަ ކޮށްފައިވާ ތިން ކޯޓް ރޫމް ބޭނުންކުރަން ފަށައިފިއެވެ.
މާލޭ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ކޯޓް ރޫމްތައް ހުޅުވައިދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ.
މާލޭ ޖަލުގައި އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް މީގެ ކުރީން ވަކިން ތަނެއް ހާއްސަ ކޮށްފައެއް ނުހުރެއެވެ. އޮންލައިން ޝަރިއަތްތަށް ބޭނުން ކުރަމުން އައީ މީޓިން ރޫމާއި ލޯޔަރުގެ ރޫމާ އަދި ފެމިލީ ވިޒިޓިން ރޫމްތަކެވެ.

މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމްގެ އެތެރެ -- ފޮޓޯ/ ކަރެކްޝަން
ކޯޓް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މާލޭ ޖަލުގައި މިއަދު ބޭނުންކުރަން ފެށި ތިން ކޯޓް ރޫމަކީ ކަރެކްޝަންސްގެ މަސައްކަތްތަކަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މިއަދުވެސް 298 މީހުން ބަންދު ކުރާންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން 80އަށްވުރެ ގިނަ މައްސަލައަކީ އަތޮޅުތަކާ ގުޅޭ މައްސަލަ ކަމަށެވެ.
"މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއް. މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ،" އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

މާލޭ ޖަލުގައި މިއަދު ހުޅުވި ކޯޓް ރޫމްގެ އެތެރެ -- ފޮޓޯ/ ކަރެކްޝަން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ޖަލުގެ ޑިރެކްޓަރު މުހައްމަދު ތޮލާލް ވިދާޅުވީ މި ވަގުތުވެސް ޝަރިއަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދު ކޮށްފައި އެބަތިބި ކަމަށާއި އެ އަދަދަކީ ބޮޑު އަދަދެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގައިދީންނާއި ބަންދު މީހުންގެ ގިނަ ޝަކުވާއަކީ ޝަރީއަތް ދިގުލައިގެން ދިޔުން ކަމަށާއި މިއަދު ބޭނުން ކުރާން ފެށި ކޯޓް ރޫމްތަކުގެ ސަބަބުން އެ ޝަކުވާ ތަކަށް ހައްލު ލިބި ޝަރިއަތްތައް އަވަސްވާނެ ކަމަށެވެ.