ބަހްރެއިނުގައި އިޒްރޭލުގެ އޮފިސަރަކު ސްޓޭޝަންކުރަން ނިންމައިފި

ބަހްރޭނަކީ އިޒްރޭލާއެކު ގުޅުން ރަނގަޅުކުރުމަށް 2020 ވަނަ އަހަރު އެއްބަސްވި 4 ގައުމުތަކުގެ ތެރެއިން ގައުމެއް؛ ފޮޓޯ - ރޮއިޓާސް

ގަލްފުގެ ގައުމެއް ކަމަށްވާ ބަހްރޭނުގައި އިޒްރޭލުގެ ނޭވަލް އޮފިސަރަކު ސްޓޭޝަންކުރަން ނިންމައިފިއެވެ.

ބަހްރެއިނުން މިކަން އިއުލާންކޮށްފައި ވަނީ، 2020 ވަނަ އަހަރު އެ ގައުމާއި އިޒްރޭލާ ދެމެދު ގުޅުންތައް ގާއިމުކުރި ފަހުންނެވެ.

މިއީ އަރަބި ގައުމެއްގައި އިޒްރޭލުގެ އޮފިސަރަކު ސްޓޭޝަންކުރާ ފުރަތަމަ ފަހަރެވެ.

ބަހްރޭނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމުގެ މަގުސަދަކީ އެ ސަރަހައްދުގައި ނެވިގޭޝަންގެ މިނިވަންކަން ދެމެހެއްޓުން ކަމަށެވެ.

ބަހްރޭނާއި އެ ސަރަހައްދުގެ ބައެއް ގައުމުތަކުން ވަނީ އީރާނަކީ ނެވިގޭޝަން ސެކިއުރިޓީއަށް ހުރި ނުރައްކަލެއްކަމަށް ބުނެފައެވެ.

ބަހްރޭނުގެ މި ނިންމުން އައިސްފައިވަނީ އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ބަހްރޭނަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.

ބަހްރޭނަކީ އިޒްރޭލާއެކު ގުޅުން ރަނގަޅުކުރުމަށް 2020 ވަނަ އަހަރު އެއްބަސްވި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ އަހަރު އިޒްރޭލާއެކު ގުޅުން ރަނގަޅުކުރުމަށް ދެން އެއްބަސްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި، ސޫދާނާއި، މޮރޮކޯއެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުރުގެ ފަހުކޮޅުގައި އޭނާ އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތްތަކެކެވެ.

comment ކޮމެންޓް