ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ޒައީމާ: ތަސައްވުރާއި އަޒުމާއެކު

ސެރެބްރަލް ޕަލްސީ ދުވަސް ފާހަގުކުރުމުގެ ހަރަކާތެއްގައި ޒައީމާ ވާހަކަދައްކަނީ ---

މ. ދިއްގަރަށް ނިސްބަތްވާ އާމިނަތު ޒައީމާގެ އަލަތު ދަރިފުޅު ލިބުނީ މީގެ 14 އަހަރު ކުރިންނެވެ. އެހެންނަމަވެސް، ހާލަތު ނިޔާ ކުރި ގޮތުން އެ ދަރިފުޅުވީ އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކުއްޖަށެވެ. އެއާއެކު، ޒައީމާއަށް ކުރިމަތިލާން ޖެހުނީ ނުހަނު ހިތްވަރާ އެކު މެނުވީ ކަޑައްތު ނުކުރެވޭނެ ދަތުރަކާއެވެ.

ނުކުޅެދުންތެރިކަން ހުރި އެފަދަ އެތައް ފަރާތެއްގެ ޙައްޤުގައި ޒައީމާ ނިކުތީ އެފަދަ ބެލެނިވެރިން އުޅޭނެ ދަތި އުނދަގޫ އަދި ހިތްދަތި ދިރި އުޅުން ޒައީމާއަށް ތަޖުރިބާކުރެވިފައި ވާތީއެވެ.

ފަރުދީ ގޮތުން ޒައީމާގެ މި މަސައްކަތް ފުޅާކުރުމަށް ފުރުސަތަކަށް އެދިއެދި ހުއްޓައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ)އާ ގުޅިގެން ކުރިއަށް ދިއުމުގެ މަގު ފަހި ވުމުން، މީގެ އަށެއްކަ އަހަރުކުރިން ޒައީމާ ވަނީ އެ ޖަމިއްޔާއާ ގުޅިފައެވެ. އޭނާއަކީ، 2019 ވަނަ އަހަރުން ފެށިގެން އެޖަމިއްޔާގެ އެކްސްކޯގައި މަސައްކަތްކުރާ ފަރާތެއްވެސްމެއެވެ.

ޒައީމާ (ކ-6) ބައިނަލްއަގުވާމީ ކުޅިވަރެއް ރާއްޖެއަށް ތައާރަފު ކުރުމުގެ ތެރެއިން

މި މަސައްކަތުގައި އުޅޭ އިރު ޒައީމާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މިފަދަ ފަރާތްތަކުގެ ބެލެނިވެރިންގެ ފަރާތުން އޭނާއަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަމެވެ. އެފަރާތްތަކުގެ ޝަކުވާތަކާއި ތަޖުރިބާތައް ޒައީމާއާ ހިއްސާކުރަމުން ގެންދާތީއެވެ. މިއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ޒައީމާ ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ވަރަށްވެސް ބޮޑު ފަސޭހައެކެވެ. އަދި ހިތްވަރެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކައުންސިލަށް ޒައީމާ ކުރިމަތިލީ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ.

ޒައީމާ (ކ) ރިވެލި މައުރަޒު 2019ގެ ތެރެއިން

ޒައީމާ ގަބޫލުކުރާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ މިކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހުރެގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ބެހޭ ދައުލަތުގެ އެކި އިދާރާތަކަށް އިއްވާ، އެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ލުޔެއް ހޯދައިދިނުމަށް އޭނާއަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެއެވެ.

ޒައީމާ ފަދަ އެތައް ބެލެނިވެރިންގެ ދިރިއުޅުން ފެނިފައި، އަދި އަމިއްލައަށްވެސް އެހާލަތު ތަޖުރިބާ ކުރާތީ އެމަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާއަށް އޮތީއެވެ.

ވުމާއެކު، އޭނާގެ އެދުމަކީ، މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑިސްއެބިލިޓީ ކައުންސިލުގެ އިންތިޚާބުގައި ބެލެނިވެރިންގެ ފަރާތުން ހޮވާ ކެނޑިޑޭޓުގެ މަގާމަށް އޭނާ ހޮވައި ދިނުމެވެ.

ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް

އެމްއޭޕީޑީގައި މަސައްކަތްކުރުމުގައި ޒައީމާވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން، އެޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ތަފާތު ގިނަ އެވެއާނަސް ޕްރޮގްރާމްތަކުގައި ބައިވެރިވެ، ސެޝަންތައް ނަގައިދީފައެވެ.

"އަޅުގަނޑަކީ ވަރަށް ގިނަ މަސައްކަތް ދަންނަ މީހެއް. އެހެން ވީމަ އަޅުގަނޑަށް ވީވަރަކުން ހުންނާނެ އެކި ކުދިންނަށް އެކިއެކި ކަންކަން ކޮށްދިނުމުގައި އެހީތެރި ވެފައި އަދި ދަސް ކޮއްދީފަވެސް،" ޒައީމާ ކިޔައިދިނެވެ.

ޒައީމާ (ވ-3) ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން

"ޖަމިއްޔާގެ ތެރެއިން ވަރަށް ގިނަ އެވެއާނެސް ހަރަކާތްތަކުގައި އުޅެވިފައި ހުންނާނީ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް. މައުލޫމާތު ދިނުމުގެ ގޮތުން."

ތަސައްވުރަކީ ދަފްތަރު އިސްލާހުކުރުމާއި އެލަވަންސް ބޮޑު ކުރުން

ޒައީމާ ބުނީ އޭނާ ޑިސެބިލިޓީ ކައުންސިލަށް ހޮވިއްޖެ ނަމަ އެންމެ އިސްކަމެއް ދޭނެ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އިސްލާހު ކުރުންކަމަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ރަނގަޅު ދަފްތަރެއް އެކުލަވާލުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ޒައީމާ (ކ)، ނާއިބު ރައީސް ނުކުޅެދުނެތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތް ކުރެއްވުން

އޭނާ އަމާޒު ހިފާފައިވާ ދެވަނަ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރުމާއި ވީލް ޗެއާ އަދި ހިއަރިން އެއިޑް ފަދަ ވަސީލަތްތައް އެއީ އެފަދަ ފަރާތްތަކުގެ އަސާސީ ޙައްޤެއް ކަމުގައި ކަނޑައަޅައި، ވީހާވެސް ފަސޭހައިން އެފަދަ ތަކެތި ލިބޭނެ ގޮތް މަގުފަހި ކުރުމެވެ. އެއީ އެ ފަރާތްތަކުގެ ޙައްޤުގައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ޒައީމާ ގަބޫލުކުރެއެވެ.

ޒައީމާ ބުނި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ތިން، ހަތަރު ކުދިން ގޮވައިގެން ވަރަށް ހާލުގަ އުޅޭ އާއިލާތަށް ވެސް އޭނާއަށް ވަނީ ފެނިފައެވެ. އަދި އެފަދަ ވަސީލަތްތަށް ހޯދަން ވަރަށް ގިނަ މަސައްކަތް ކުރާ ބެލެނިވެރިންނާވެސް ވަނީ ދިމާފައެވެ.

"ސެރެބްރަލް ޕަލްސީ އާ މެދު ހޭލުންތެރިކަން އިތުރުކުރަން ޖެހޭ"

ކޮންމެ އޮކްޓޫބަރު މަހެއްގެ ފުރަތަމަ ބުދަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތައް ފެހިކުލައިން ޖަރީކޮށްލަނީ ސެރެބްރަލް ޕަލްސީ ޑޭގެ މުނާސަބަތުގައެވެ. އެހެން ނަމަވެސް، ރާއްޖޭގައި އެ ހާލަތާ މެދު ހޭލުންތެރިކަން ވަރަށް ކުޑަކަން އޭނާ ފާހަގަ ކުރިއެވެ.

ޒައީމާ (ކ-2) ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަސް ފާހަގަ ކުރުން

އެކަމުގެ ސަބަބުން ކުރިމަތިވާ ކަންކަން ޚުދު ޒައީމާ ވަނީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ތަޖުރިބާ ކޮށްފައެވެ. ރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އައި ނަމަވެސް މިހާރަށް ވުރެ ކުލަގަދަކޮށް މިދުވަސް ފާހަގަ ކުރަން ޖެހޭ ކަމަށް ޒައީމާ ގަބޫލު ކުރަނީ އެހެންވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ބެލެނިވެރިންގެ ޙައްޤުގައި އެތައް ކަމެއް ކުރަން ޖެހޭ ކަމަށް ޒައީމާ ގަބޫލް ކުރެއެވެ. ޒައީމާ ކައުންސިލަށް ކުރިމަތިލުމުގެ އެންމެ އިސް މަގުސަދަކީ ވެސް އެފަދަ ކަންކަން ދެނެގަނެ، އަމިއްލަ ތަޖުރިބާގެ އަލީގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.

ސާދަ އަހަރުގެ ތަޖުރިބާގެ އަލީގައި ޒައީމާ އެކުލަވާލި ތަސައްވުރަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އުންމީދީ ތަސައްވުރެކެވެ. އޭނާ ހުރިހާ ބެލެނިވެރިންނަށް ދޭ ޔަގީންކަމަކީ ކުރިއެކޭ ވެސް އެއްފަދައިން، ގުޅިގެން މަސައްކަތް ކުރެވޭނެ ކަމާއި، އަބަދުވެސް ބެލެނިވެރިންގެ އަޑުއަހާނެ ކަމެވެ. އަދި ބެލެނިވެރިންގެ އަޑު އިއްވާނެ ކަމެވެ.

comment ކޮމެންޓް