ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް އީގަލްސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 1-0 އިންނެވެ.
މެޗަށް ނިކުތްއިރުވެސް އީގަލްސްގެ އެންމެ މުހިންމު އެއް ކުުޅުންތެރިޔާ ޒައިން ޒަފަރު ހުރީ ކުޑަ އަނިޔާއެއްގައެވެ. ނަމަވެސް ފުރަތަމަ 11 ގައި ކޯޗު އޭނާ ހިމެނިއެވެ. ނަމަވެސް މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ޒައިން ވަނީ ބަދަލުކުރަން ޖެހިަފއެވެ.
މިއަދުގެ މެޗު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ލަނޑު ޖަހައި ލީޑު ނެގުމަށް ދެ ޓީމުންވެސް ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުންވެސް ލަނޑު ޖަހައި ލީޑު ނެގުމަށް ވަރަށް މަސައްކަތް ކުރިއެވެ. ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އީގަލްސްއަށް ލީޑު ނަގައިދިނީ މުހައްމަދު ސަމާހު މޫސާ ފަތުހީއެވެ.
އީގަލްސްގެ ލަނޑަށްފަހު ވެސް އެ ޓީމުން އިތުރު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އީގަލްސް އިން ލީޑު ނެގުމާއެކު ޓީސީން އެ ޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއެވެ. ފުލުފުލުގައި ޓީސީން އެެތައް ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް އީގަލްސްގެ ބަދަހި ޑިފެންސް ލައިން ފޫ އަޅުވާ ގޮތެއް ނުވިއެވެ.
މެޗުގެ އިތުރު ވަގުތަށް ރެފްރީ ދެއްކީ އަށް މިނެޓެވެ. އެ ވަގުތު ތެރޭގައިވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-0 އިން ޓީސީގެ މަައްޗަށް އީގަލްސް އިން ކުރި ހޯދައި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ މުހައްމަދު ސަމާހުއެވެ.
އީގަލްސްއިން މުބާރާތުގެ ފައިނަލަށް މިފަހަރުވެސް ދަތުރުކުރިއިރު، މީގެ ކުރިން ހަތަރު ފަހަރެއްގައި އީގަލްސް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ދެ ފަހަރަކު ފައިނަލްގައި ބަލިވެފައިވެއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބައްދަލުކުރާނެއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 13 ވަނަ ދުވަހު ފ. ނިލަންދޫގައެވެ.